ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. 

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުއެވެ. ނަމަވެސް ކޮމިޑް-19ގެ ހާލަތު މާލޭގައި ގޯސްވުމާ ގުޅިގެން އިންތިހާބު، ގާނޫނަށް ބަދަލު ގެނެސްގެން ފަސްކުރިއެވެ. އަދި ދައުރު ހަމަވެފައިވާ ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ. 

ކައުންސިލަރުންގެ ދައުރު ދަންމާލައި އިންތިހާބު ފަސްކޮށްފައިވަނީ ދެން އިންތިހާބު ބޭއްވުމަށް ސީދާ ވަކި ތާރީހެއް ކަނޑައެޅުމަކާ ނުލާއެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ އަންނަ މާޗް މަހު އިންތިހާބު ބޭއްވުމަކީ އުއްމީދެއް ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. 

އެގޮތުން އެ މުއްދަތަށް ވޯޓާސް ލިސްޓަށް އަންނަ ބަދަލުތައް އަޕްޑޭޓް ކުރަމުން ގެންދާކަން ފައާދު ފާހަގަ ކުރެއްވިއެވެ. 

ފުއާދު ވިދާޅުވި ގޮތުގައި މަސައްކަތް ކުރަމުން ދަނީ މާޗް މަހާ ހަމައަށް ކޮވިޑްގެ މިހާރު އޮތް ހާލަތު ރަނގަޅު ވާނެ ކަމަށް ބަލައިގެން ކަމަށާއި ހާލަތު ރަނގަޅު ނުވީ ނަމަވެސް އިންތިހާބު މާޗް މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. 

ކޮވިޑްއާ ގުޅިގެން ހަދާފައިވާ ގައިޑްލައިންތަކާ ގުޅިގެން ގައިދުރުކަން ބެހެއްޓުމާއި އަތްދޮވުން ފަދަ ކަންކަން ހިމެނޭއިރު ގައިދުރުކަމާއެކު ކިޔު ހަދާނަމަ އާ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށާއި ވޯޓުލާ މަރުކަޒުތައް އިތުރު ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. އެހެންވެ އެކަމަށްޓަކައި އިންތިހާބުގެ ބަޖެޓަށް ވެސް ބަދަލުތައް ގެންނާނެކަން ފާހަގަ ކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.