ކޮވިޑް 19 އަށް ޕޮސިޓިވްވުމާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދީފިއެވެ. ސްޕޭޒިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މިއީ ކޮވިޑާއި ގުޅިގެން ހަތަރު މެޗު ގެއްލުމަށްފަހު ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. އަލަށް ޕްރޮމޯޓްވި ސްޕޭޒިއާއަށް ނަތީޖާ އެއްވަރުކޮށްދިނީ 32 ވަނަ މިނެޓުގައި ޓޮމާސޯ ޕޮބެގާއެވެ.
ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ރޮނާލްޑޯ ވަނީ ބެންޗުން އަރައި ދެވަނަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. އޭނާގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ޖަހައިދިންއިރު ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. ޔުވެންޓަސްގެ ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރެބިއޯއެވެ.
މި މޮޅާއެކު ޔުވެންޓަސްވަނީ 12 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި 16 ޕޮއިންޓާއެކު އޮތީ އޭސީ މިލާންއެވެ. ދެވަނައިގައި 14 ޕޮއިންޓާއެކު އޮތީ ސަސޫލޯއެވެ. ޔުވެންޓަސްގެ ފަހަތުން ހަތަރުވަނަ ލިބެނީ އެޓަލާންޓާއަށެވެ.