ކްރިމިނަލް ކޯޓުގައި ބަންދާމެދު ގޮތް ނިންމުމަށް ބާއްވާ ޝަރީއަތްތަކާއި ގުޅޭ މައުލޫމާތު ހޯދައި ދިރާސާކުރުމަށް ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީއިން މިހެން ބުނީ މިކަމާ ގުޅިގެން އިއްޔެ ނެރުނު ހާއްސަ ބަޔާނެއްގައެވެ. އެގޮތުން، އެ ކޮމިޝަނުގެ 80ވަނަ ބައްދަލުވުމުން ނިންމާފައިވަނީ، ބަންދާމެދު ގޮތް ނިންމާ ޝަރީއަތްތަކަށް ފަނޑިޔާރުން ހަމަޖައްސާ އުސޫލާއި، އެ މަޖިލިސްތައް ޝެޑިއުލްކުރުމާއި، އެ ޝެޑިއުލްއާއި އެއްގޮތަށް ޝަރީއަތަކަށް ހާޒިރުވުމަށް ފަނޑިޔާރަކު އުޒުރުވެރިވާނަމަ އަމަލުކުރާނެ ގޮތާއި، މި ފަދަ ޝަރީއަތްތަކުގައި ފަނޑިޔާރުން ބަދަލުކުރުމުގައި އަމަލުކުރާ އުސޫލާއި ގުޅޭ މައުލޫމާތު ހޯދައި ދިރާސާކުރުމަށެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ބަންދާމެދު ގޮތް ނިންމާ ޝަރީއަތްތަށް އަބަދުވެސް ކުރިއަށް ދަނީ ވަކި ހާއްސަ ޝެޑިއުލްއަކާއި އެއްގޮތަށް، އެކި ދުވަހު އެކި ފަނޑިޔާރުން ތިއްބަވާ އުސޫލަކުންނެވެ.