މާލޭގައި ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން މީހާ، އައިމިނަތު ވަހީދާގެ ކާރަށް އެކި ފަހަރު މަތިން ގެއްލުންދެމުންދާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އައިމިނަތު ވަހީދާގެ ކާރަށް ފަސް ފަހަރެއްގެ މަތިން ވަނީ ގެއްލުންދީފައެވެ. ކާރަށް ގެއްލުން ދެނީ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. އެކަމުގެ ސަބަބުން އައިމިނަތުގެ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ. މިފަހުން ވެސް އޭނާގެ ކާރަށް ގެއްލުން ދީފައިވާއިރު އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. މިފަހަރު އޭނާގެ ކާރު މަރާމާތުކޮށްދެއްވާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ މައްސަލާގައި ވަނީ އަންހެނުންނަށް މިފަދަ ގެއްލުންދޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 35 މެންބަރުން ވޯޓު ދެއްވިއެވެ. އަލީ އާޒިމް ވިދާޅުވީ އެކި ފަހަރު މަތިން އައިމިނަތުގެ ކާރަށް ގެއްލުންދެމުންދާއިރު އެކަން ބަލައި ފިޔަވަޅު އެޅުމަށް ފުލުހުން ނުކުޅެދިފައިވާ ކަމަށެވެ.