އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމާ ގާތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫއާ ސިޔާސީ ގޮތުން ދުޝްމަން ދެ ޕާޓީ ކަމަށްވާ ޔަޝް އަތީފު ކޯލިޝަން ޕާޓީއާ ޔަމީނާ ޕާޓީ ގުޅިގެން ސަރުކާރެއް އެކުލަވާލުމަށް އުސޫލެއް ހެދުމަށް ވަނީ އެއްބަސްވެފައެވެ. އަދި މިކަމުގެ ފައިނަލް އެއްބަސްވުން މިއަދުގެ ވަގުތެއްގައި އިއުލާން ކުރެވޭނެ ކަމަށް ބުނެއެވެ.
މި އެއްބަސްވުން ވުޖޫދަށް އަންނާނެކަން ޔަގީނާ ކައިރިވެފައިވާއިރު، މިކަމުގެ ސަބަބުން ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލުމުގެ އިތުރުން އޭނާގެ ސިޔާސީ ހަޔާތް ނިމުމަކަށް އައިސްދާނެ ކަމުގެ ބިރު އެބައޮތެވެ.
އިސްރާއީލުގެ ކޯޓުތަކުން މިހާރުވެސް އަންނަނީ ނަތަންޔާހޫގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލިއްޖެ ނަމަ އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ދައުވާތައް ސާބިތުވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ބޮޑުވަޒީރުކަން ގެއްލުމުން ނަތަންޔާހޫގު ނުފޫޒު ސަރުކާރު ތެރޭގައި ކުޑަވެގެންދިޔުމެވެ.
މިހާތަނަށް ނަތަންޔާހޫ 4 ދައުރެއްގައި ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު ޖެހިޖެހިގެން 3 ދައުރު ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އަދި ވަގުތީ ބޮޑުވަޒީރު ކަމުގައިވެސް 3 އަަހަރު ހޭދަ ކުރައްވާފައިވެއެވެ. މިއާއެކު އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި މެދުކެނޑިގެންނާ އަދި މެދުނުކެނޑި 23 ވަރަކަށް އަހަރު އޭނާވަނީ ހޭދަކުރައްވާފައެވެ.