ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމި ބޮޑު ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ. 

ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ "ބަޑި ބުރާސްފަތި" ގެ ނަމުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އިދިކޮޅުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދިފައިވާނެކަމަށެވެ. 

އެކަމުގެ ފަހުގެ ތަފްސީލު ދެއްވަމުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއު ވިދާޅުވީ ކާނިވާ ސަރަހައްދު ދޫކުރެވެން ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިވާކަމަށެވެ. އަދި މި ޖަލްސާއާ ގުޅޭ ގޮތުން އެޗްޕީއޭ އަށް ފޮނުވި ސިޓީގެ ޖަވާބުގައި، ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވާކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ. ސުޖާއު ވިދާޅުވީ، ޖަލްސާ ބޭއްވުމަށް މިހާރު ނިންމާފައިވަނީ ޕީޕީއެމް އޮފީހުގެ ކުރިމަތީގައެވެ.

ވާޗުއަލްކޮށް ޖަލްސާ ބާއްވަން އެންގުމުން ސުޖާއުވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސުޖާއު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ރަށްތަކަށް ދަތުރުކުރަން ހުއްދަ ދިނުމުގެ ބަދަލުގައި، އެ ބައްދަލުވުންތައްވެސް ވަރޗުއަލްކޮށް ބޭއްވުމަށް އަންގަންވާނެކަމަށް ވިދާޅުވެފައެވެ. 

އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށް ސިއްހީ މާރިހުން އަންނަނީ އިރުޝާދު ދެމުންނެވެ.

އެކަމާ ގުޅިގެން އިއްޔެ ސުޖާއު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ދައުރު ހަމަވަންދެން އެ ހާލަތު ދަމަހައްޓާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ބޭއްވި އެއްވުމުގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ގައިޑްލައިންސްއާ ހިލާފުވެ، ޕީޕީއެމް ޕީއެންސީގެ ބައެއް އިސްވެރިން ފުލުހަށް ހާޒިރުކޮށް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.