ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އިން ތައުލީމު ހާސިލްކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް. ހަނދާން"ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމަށް މިއަދު ހެނދުނު ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އީ.ޕީ.އެސް. ފައުންޑޭޝަންގެ ވެބްސައިޓްވެސް ލޯންޗްކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ނައިބު ރައީސް ވަނީ އީ.ޕީ.އެސް ސްކޫލުން ތައުލީމް ހާސިލްކުރި ގިނަ ދަރިވަރުންތަކެއް ގައުމުގެ ޒިންމާދާރު އެކިއެކި މަގާމުތަކާއި މަސައްކަތްތަކުގައި ހިދުމަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވައި ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނުވަނީ ޝުކުރު އަދާކުރެއްވާފައެވެ.
"އީ.ޕީ.އެސް. ހަނދާން" ނަމުގައި އީ.ޕީ.އެސް. ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު މަޖައްލާ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
އީ.ޕީ.އެސް. ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ.