މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ތިން އަތޮޅެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ އަތޮޅު، ތ އަތޮޅު އަދި ޏ އަތޮޅުއެވެ. މި އޮޕަރޭޝަންތަކުގައި ޖުމްލަ ފަސް މީހުން ހައްޔަރުކޮށްފައިވެއެވެ.

މީގެތެރެއިން ދެ އަތޮޅެއްގައި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސައް ލިބިގެންނެވެ. އެގޮތުން، އިއްޔެ ށ.ފުނަދޫގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 31 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުންނެވެ. ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި، މި ދެ މީހުން ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހިހުރި 34 ސެލޯފިންކޮޅުވަނީ ފެނިފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބިގެން ޏ.ފުވައްމުލަކުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޮކްޓޯބަރު 28 ގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި، އޭނާގެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކިނބިދޫގައި ހިންގި އޮޕަރޭޝަނަކީ ވޭމަންޑޫއިން ކިނބިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އިއްޔެ ހިންގި މި އޮޕަރޭޝަންގައި 24 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މައްސަލަތައް މިހާރު ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.