ރިޕޯޓްކުޅިވަރުމީހުން

މުބާލްގެ އަޒުމަކީ ކޮލިފައިވެގެން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުން

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އާބާދީ މަދު، ކުޑަ ގައުމެކެވެ. އެހެންކަމުން އޮލިމްޕިކްސް ފަދަ ބޭރުގެ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރެވިގެން ދިޔުމަކީ މި ގައުމަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. ދިވެހި އެތުލީޓުން މަދުވެފައި، ޓްރެއިން ކުރުމަށާއި ކުޅިވަރުގެ އެކި ރޮނގުން ކުރިއަރާ ދިޔުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖެއިން ދަނީ އެކި މުބާރާތްތަކުގައި ބައިވެރިވެ އެކި ފެންވަރުގެ ކާމިޔާބީތައް ހޯދަމުންނެވެ. ރާއްޖޭގެ ގައުމީ ސްވިމިންގ ޓީމުގައި ހިމެނޭ މުބާލް އައްޒާމް އިބްރާހިމް އަކީ މިގޮތުން އެކި އެރީނާ ތަކުގައި ރާއްޖެ ތަމްސީލް ކޮށްދީފައިވާ ހުނަރުވެރި ޒުވާނެކެވެ.

މައިންބަފައިންގެ އެހީއާއެކު ކުޑައިރު ފަތަން ދަސްކުރަމުން ދިޔައިރު މުބާލްގެ ހުނަރުވެރިކަން އިންސްޓްރަކްޓަރުންނަށް ފާހަގަކުރެވިގެން، ޔޫތު ޑިވެލޮޕްމެންޓު ޕްރޮގްރާމްގައި އޭނާ ބައިވެރިކުރެވުނީ ގްރޭޑް އެކެއްގައި އުޅެމުން ދިޔައިރުއެވެ. އެއިރު އެ ޕްރޮގްރާމްގައި އުޅެނީ އޭނާއަށްވުރެ މާ ދޮށީ އުމުރުގެ ކުދިންނަށް ވުމުން، މުބާލް ދުވަސްކޮޅަކަށް ފެތުން ހުއްޓާލައި އެހެން ކުޅިވަރުތައް ކުޅެން މަސައްކަތްކުރިއެވެ. ނަމަވެސް ފެތުމަށް ވުރެ ހިތްޖެހުނު އިތުރު ކަމެއް ނުފެނުމުން ގްރޭޑް ހަތަރެއްގައި އިންޓަރ ސްކޫލް މުބާރާތުގައި ބައިވެރިވުމާއެކު ފެތުމުގެ ދާއިރާއަށް ވަދެވިގެން ދިޔަގޮތަށް މިއަދާ ހަމައަށްވެސް އޭނާއަކީ ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންގެ ތެރޭގައި ގުނާލެވޭ އެތުލީޓެކެވެ.

ގައުމީ ފެތުމުގެ މުބާރާތެއްގައި މުބާލް ވާދަކުރަނީ

2013 ވަނަ އަހަރު ގައުމީ ޓީމަށް ހޮވުނު ފަހުން އޭނާ އެންމެ ފުރަތަމަ ރާއްޖެ ތަމްސީލުކުރީ 2014 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވުނު އޭޝިއަން ގޭމްސްގައެވެ. އުމުރުން އެންމެ 14 އަހަރުގައި މުބާލްއަށް އެފަދަ މުބާރާތެއްގައި ބައިވެރިވުމުން ކުރެވުނު ތަފާތު ތަޖުރިބާ އޭނާ ސިފަކުރީ ވަރަށް “ފަން އެކްސްޕީރިއެންސް” އެއްގެ ގޮތުގައެވެ. އެކި ގައުމުތަކުގެ ހަށިގަނޑުން ބިޔަ، ހުނަރުވެރި ފެތުންތެރިންނާއި ވާދަކުރަން ޖެހުމަކީ ވަރަށް “ނާރވް ވްރެކިންގ” ކަމަކަށްވިޔަސް، މުބާލް ކިޔައިދިން ގޮތުގައި އެއީ ވެސް ފެތުމުގެ “އެންޖޯއީމެންޓް” ތެރޭގައި ހިމެނޭ ބައެކެވެ.

ކުޑައިރުއްސުރެ ފެތުމުގައި މަޝްއޫލުވެ، ބަރާބަރަށް ޓްރެއިނިންގ ތަކުގައި ބައިވެރިވެ، އެތައް މުބާރާތެއްގައި ވާދަކުރަމުން ދިޔައިރު، ފެތުމާ އެއްވަރަށް ކިޔެވުމުގައިވެސް މުބާލް ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ. ކުޅިވަރާއި ކިޔެވުމުގެ ތެރެއިން ރަނގަޅު ބެލެންސެއް ހޯދައިގެން އޭލެވެލް އާ ހިސާބަށް ވާސިލުވެވުނުފަހުން އޭނާއަށް އޮލިމްޕިކްސް ކޮމިޓީގެ ފަރާތުން ޓޯކިޔޯ އޮލިމްޕިކްސް އަށް ޓްރެއިން ކުރުމަށް ސްކޮލަރޝިޕެއް ލިބުނެވެ.

އޮލިމްޕިކްސް ކޮމިޓީއިން ލިބުނު ސްކޮލަރޝިޕް ފުރުސަތުގައި ކިޔެވުމަށާއި ޓްރެއިނިންގ އަށް އޮސްޓްރޭލިއާ އަށް ބަދަލުވުމަށްފަހު ނަގާފައިވާ ފޮޓޯއެއް

އޭލެވެލްއަށް ކިޔެވުން އެހިސާބުން ހުއްޓާލުމަށްފަހު މުބާލް ވަނީ 2018 ގައި ޓްރެއިން ކުރުމަށާއި މަތީ ތައުލީމު ހޯދުމަށް އޮސްޓްރޭލިއާއަށް ބަދަލުވެފައެވެ. އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހަދަމުންދާ ފެތުންތެރިޔާގެ ތައުލީމީ މޭޖަރ އަކީ ރޮބޯޓިކްސްއެވެ.

ސްކޮލާރޝިޕްގެ ދަށުން ޓްރެއިން ކުރަމުންދާއިރު އާދިއްތަ ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަސްތަކަކީ ޓްރެއިނިންގ އޮންނަ ދުވަސްތަކެވެ. އެންމެ ލުއިކޮށް ޓްރެއިނިންގ ދާ ދުވަސްދުވަހު މަދުވެގެން ދެ ގަޑިއިރު ޕްރެކްޓިސްކުރާ އިރު ހަފްތާއަކު ދެ ދުވަހު ހެނދުނާއި ހަވީރު، ދެ ގަޑީގައިވެސް ޓްރެއިނިންގ ސެޝަންސް އޮވެއެވެ. މުބާލް ކިޔައިދިން ގޮތުގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން، ޓްރެއިނިންގ އޮންނަނަމަ އޭނާގެ ދުވަސް ފަތިހު ފަހެއް ޖަހާއިރު ފެށޭގޮތަށް ނިމޭނީ ރޭގަނޑު އަށެއް ޖަހާއިރުއެވެ.

ސޯޝަލައިޒް ކުރާކަށް އަނެއްހެން ވަގުތެއް ނުލިބޭ. ވަގުތުކޮޅެއް ލިބުނަސް ގިނައިން އުޅޭނީ ގޭގަ، ރެސްޓު ކޮށްލަން ނޫނީ ގޭމް ކުޅެލަން އެހެންނޫނީ ފޮތެއް ކަހަލަ އެއްޗެއް ކިޔާލަން.

12ވަނަ ގައުމީ އޯޕަން ވޯޓާ ފެތުމުގެ މުބާރާތުގައި މުބާލް ރަން ތައްޓަކާ ހަވާލުވަނީ

ޑިގްރީއަށް ކިޔަވަމުން، ބަރާބަރަށް ޓްރެއިން ކުރަމުން، ވާދަވެރި މުބާރާތްތަކުގައި މޮޅު ފެތުންތެރިންނާއި ދެކޮޅަށް ޕަރފޯރމް ކުރުމަށްޓަކައި ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަންވެސް ވަރަށް މުހިއްމު ރޯލެއް ކުޅޭނެކަން ޔަގީނެވެ.

[މުބާލް އަށް] ފެތުމަކީ އަސްލު ދިރިއުޅުމުގަ ދިމާވާ ކަންބޮޑުވުންތަކާ ޑީލް ކުރަން އެންމެ ފަސޭހަ އެއްގޮތް. އެކަމަކު ވާދަވެރި ވާއިރު، ހާއްސަކޮށް މިހާރަކަށް އައިސް ޕްރެޝަރ ބޮޑުވާތީ، ވަރަށް ފަހުން ހާސްވެ، އެކަހަލަ އުނދަގޫތަށް ބޮޑަށް ވާންފެށީ.

އެކަހަލަ ހާލަތްތަކުގައި، ހާއްސަކޮށް މުބާރާތެއްގެ ސަބަބުން ހާސްކަން އިތުރުވާނަމަ، ކޯޗާއި ވާހަކަދައްކައިގެން، ކޯޗުގެ ސަޕޯޓާއި އިރުޝާދުގެ ދަށުން ބްރީތިންގ އެކްސަސައިޒް ހަދާ، ހާސްކަން ދަށްކުރުމަށް މަސައްކަތް ކުރާކަމަށް މުބާލް ބުންޏެވެ.

މުބާލް ބުނި ގޮތުގައި ބޮޑެތި މުބާރާތްތަކުގައި ވާދަކުރަން ޖެހޭއިރު ޕްރެޝަރ ބޮޑުވުމުން ބައެއް ފަހަރު ހާސްވާ ގޮތް ދިމާވޭ

ދެން އެހެން ކަންތައްތަކާ މާ ބޮޑަށް ވިސްނެންޏާ މީހަކާ ވާހަކަ ދައްކަނީ. މަންމަޔާ ނުވަތަ ބައްޕަޔާ ނުވަތަ ރަހުމަތްތެރިޔަކާ ވިޔަސް. އެހެން ކުޑަކޮށް ވާހަކަ ދައްކާލެވުނީމަ ވަރަށް ހިތްހަމަޖެހޭ. ވާހަކަ ދައްކާލާނެ މީހެއް ނެތަސް ވަރަށް މަސައްކަތްކުރަން ބޮލު ތެރޭގަ ހުރިހާ އެއްޗެއް ނުބަހައްޓަން. މެންޓަލް ހެލްތަކީ ވަރަށް މުހިންމު ކަމެއް، އެއަށް ރަނގަޅަށް ފަރުވާތެރި ނުވެއްޖެއްޔާ ހުރިހާ ކަމަކަށް ބުރޫ އަރާ ކަހަލަ ކަމެއް އެއީ.

މުބާލްގެ އިރުޝާދަކީ ދަތިތަކާއި ދިމާވާ އިރު ހުރިހާ ކަމެއް ބޮލުތެރޭގައި ބެހެއްޓުމުގެ ބަދަލުގައި އެމީހަކަށް ހެޔޮއެދޭ ސަޕޯޓިވް ފަރާތަކާ އެވާހަކަތައް ހިއްސާ ކުރުމެވެ.

ބައެއް ފަހަރު އެހެން މީހަކަށް އެހީ ވުމަކީވެސް އަމިއްލަ މީހާއަށް އެހީވުން ކަހަލަ ކަމެއް.

އޭނާގެ ކުރިއެރުމުގެ ފަހަތުގައިވާ އެންމެ މުހިންމު އެހީތެރިންގެ ލިސްޓުގައި މުބާލް ފާހަގަކުރީ އޭނާގެ އާއިލާއެވެ. އޭގެ ފަހުން އޭނާ ފާހަގަކުރީ ކުޑައިރުއްސުރެން މިހިސާބަށް އައި އިރު އޭނާއާއެކު މަސައްކަތް ކުރި ކޯޗުންނެވެ. އެއާއެކު އޭނާގެ ދިރިއުޅުމުގައި އެހެން ހުރިހާ ގޮތަކުން އެހީތެރިވެދޭ އެންމެންނަށްވެސް އޭނާ ޝުކުރު އަދާކުރިއެވެ. ހާއްސަކޮށް މިހާރު އޮސްޓްރޭލިއާގައި ކިޔަވަމުންދާއިރު އޭނާ ދިރިއުޅެމުންދާ ގޭގައި އުޅޭ އާއިލާ އާއި ސްކޮލަރޝިޕްގެ ދަށުން ޓްރެއިން ކުރާއިރު ހުންނަ ކޯޗު މުބާލް ފާހަގަކުރިއެވެ.

މުބާލް 2018 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވުނު ޔޫތު އޮލިމްޕިކްސްގައި

ސްވިމިންގ ކެރިއަރުގައި މިހިސާބަށް އާދެވިފައިވާއިރު ފެތުން ހުއްޓާލުމުގެ ކުރިން މުބާލް ހާސިލްކުރަން ބޭނުންވާ ވަރަށް ބޮޑު އަމާޒެއް އެބައޮތެވެ. އެއީ އޮލިމްޕިކްސް އަށް ކޮލިފައިވެގެން ހޮވޭ ފެތުންތެރިއެއްގެ ގޮތުން އެ މުބާރާތުގައި ވާދަކުރުމެވެ.

މިހާރު އޮންނަގޮތުން އޮލިމްޕިކްސް އަށް ދާއިރު އެތުލީޓުން ނަގަނީ ވައިލްޑް ކާރޑް ސިސްޓަމަކުން. ފީނާ (އިންޓަރނޭޝަނަލް ސްވިމިންގ ފެޑެރޭޝަން) އިން ދޭ ނަންތަކެއްގެ ތެރެއިން އޮލިމްޕިކްސް ކޮމިޓީއާއި ސްވިމިންގ އެސޯސިއޭޝަނުން ހޮވާނީ އެތަނުން ދާނީ ކާކުތޯ. އަދި މިހާތަނަށް ކޮލިފައިވެގެން ނެތް ރާއްޖެއަކުން ފެތުމުގަ އެއްވެސް މީހަކު ބައިވެރިވެފައެއް.

ކޮލިފައި ވެގެން އޮލިމްޕިކްސްގައި ބައިވެރިވުމަށްޓަކައި “އޮލިމްޕިކް ކޮލިފައިންގ ޓައިމް” ކަމުގައި ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރޭސް ޖަހާ ނިންމަން ޖެހޭނެއެވެ. މުބާލް ބޭނުންވަނީ އޭނާ ފެތުން ހުއްޓާލުމުގެ ކުރިން ކޮންމެވެސް އެއް އިވެންޓަކުން ނަމަވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފަތާ ނިންމައިގެން އޮލިމްޕިކްސްގައި ބައިވެރިވުމަށެވެ.

އިރާދަކުރެއްވިއްޔާ 2024 ގެ އޮލިމްޕިކްސް އަށް ދެވޭނެ ކަމަށް އުންމީދުކުރަނީ. އެއީ އުނދަގޫ ކަމެއް އެކަމަކު މުބާލް ޖެހޭނީ ކޯޗަށާއި އެހިސާބަށް ދާން ކުރަންޖެހޭ މަސައްކަތަށް އިތުބާރުކުރަން.

2019ގައި ނޭޕާލްގައި ބޭއްވުނު ސައުތު އޭޝިއަން ގޭމްސްގައި މުބާލް ރޭހެއް ޖަހަނީ

ކުރިޔަށް އޮތްތަނުގައި ސީދާ އެކަން ހާސިލްކުރުމަށް މުބާލް އަޒުމު ކަނޑައަޅައިގެން ހުރިއިރު މިހާރުވެސް އޭނާ ހޯދާފައިވާ ކާމިޔާބީތައް މަދެއް ނޫނެވެ. ގައުމީ ފެންވަރުގައި އޭނާއަށް ލިބިފައި ހުރި ކާމިޔާބީތަކަށް ބަލާލާއިރު ދެއަހަރަކު އެންމެ މޮޅު ފެތުންތެރިޔާގެ އެވޯޑު ލިބުނެވެ. އޭނާގެ ކާމިޔާބު އަހަރުތަކުގައި ގައުމީ މުބާރާތްތަކުގެ ހުރިހާ ކެޓަގަރީއަކުން މުބާލް ވަނީ ގޯލްޑް ހޯދާފައެވެ. އޭގެ އިތުރުން ބައިވެރިވެފައިވާ ކޮންމެ އިންޓަރނޭޝަނަލް މުބާރާތެއްގައި މަދުވެގެން އެއް ރެކޯރޑް އޭނާ ހަދާފައިވެއެވެ.

އެންމެ ފާހަގަކޮށްލެވޭ ރެކޯޑުތަކެއް ހެދިފަ ހުންނާނީ ހަނދާންވާގޮތުން 2018 ގައި އިންޑޮނީޝިއާގަ އޮތް އޭޝިއަން ގޭމްސްގަ. އެފަހަރު ހަތަރު ފަސް ގައުމީ ރިކޯޑު ހެދުނު.

2017ގައި ބޭއްވުނު ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވި އެހެން ފެތުންތެރިންނާއެކު މުބާލް (ވ) ފޮޓޯއަކަށް ހުއްޓިލައިގެން

ފެތުމުގެ ރޮނގުން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް މުބާލް ދޭ ނަސޭހަތަކީ ހިތްވަރާއެކު ހުއްޓާނުލާ މަސައްކަތްކުރުމެވެ.

މި ކުޅިވަރަކީ ވަރަށް ކޮންސިސްޓަންސީ ބޭނުންވާ ކުޅިވަރެއް. ހަފްތާއެއް ވަރު ދޫކޮށްލިޔަސް ވަރަށް ބޮޑުތަނެއް ގެއްލޭނެ. އެހެންވީމަ ފެތުމުން ކުރިއަރަން ބޭނުމިއްޔާ ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަން ޖެހޭނެ. އެހެންނޫނީ ވަރަށް އުނދަގޫވާނެ ހިފަހައްޓާލަން، ހާއްސަކޮށް އިންޑިވިޖުއަލް ކުޅިވަރަކަށް ވީމަ.

ކިޔެވުމާއި ދިރިއުޅުމުގެ އެހެން ކަންތައްތަކަށްވެސް ސަމާލުކަން ދެމުން ގަދަ ހިތްވަރާއި މަސައްކަތުން މިއަދާ ހަމައަށްވެސް ފެތުމުގެ ދާއިރާގައި މުބާލް ދަނީ އޭނާގެ ހުނަރުވެރިކަން ދައްކަމުންނެވެ. ކުރިއެރުން ހޯދުމަށްޓަކައި ކޮންމެވެސް ކަހަލަ ގުރުބާނީތަކެއް ވާން ޖެހޭނެކަން ފާހަގަ ކުރަމުން މުބާލް ބުނި ގޮތުގައި ބޭރަށް ގޮސް އުޅުމާއި ރައްޓެހިންނާއެކު ސަކަރާތްޖެހުން ފަދަ ކަންކަމަށް ވަގުތު ނުލިބުމަކީ އޭނާ އަށް މާ ބޮޑު މައްސަލައެއް ނޫނެވެ.

“އައި އޭމް ހިއަރ ބިކޯޒް އައި ފީލް ލައިކް އިޓްސް ވޯރތު އިޓް.” މުބާލް ޔަގީންކަމާއެކު ބުންޏެވެ.

1
1
5
9
8

3 ކޮމެންޓް

  1. މިހާ ތަނަށް އައިސް ފެނުން އެންމެ ހިތްވަރު ގަދަ ، އަޒުމް ވަރުގަދަ އަދި އެންމެންގެ ވެސް އިހްތިރާމް ހޯދާފައިވާ މޮޅު ފެތުންތެރިޔެއް! ދިމާވާ ހުުރިހާ ގޮންޖެހަމަކުން އަރައިގަނެ ، ކުރާ ހުރިހާ ކަމެއްގައި ކާމިޔާބުވާނެ ކަމަށް ދުޢާ ކުރަން.

    10
    3
  2. މާޝާﷲ... މުބާލްއަކީ ހިތްވަރުގަދަ ، އަޚްލާގު ރަނގަޅު ދިވެހި ދަރިއެއް. ނަމޫނާ ޒުވާނެއް. މައިންބަފައިންގެ ހިތްވަރަށް ވެސް ސާބާސް!
    މާތްﷲއިރާދަފުޅާ ހެޔޮ ރަޙްމަތްފުޅުން ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި! އާމީން

  3. ދިވެހި ރާއްޖޭގެ އެންމެ ހުނަރުވެރު އެތްލީޓުންގެ ތެރެއިން އެކަކު. މުބާލްގެ ހިތްވަރަށް ސާބަސް! ތިކަހަލަ ދަރިޔެއް ނުވަތަ ރަހްމަތްތެރިޔެއް ހުރުމަކީ ފަހުރަކަށް ވާނެ ކަމެއްކަން ކަށަވަރު. ކުރިޔަށްއޮތް ތަނުގައިވެސް ސިއްހަތު ރަނގަޅަށް ބަހައްޓާ އުފާވެރި ދިރިއުޅުމެއް ދިރިއުޅެވޭނެކަމަށް ދުޢާ ކުރަން. ޓޭކް ކެއާ ބްރޯ.

ކޮމެންޓް

Your email address will not be published.

0 %