މާލޭގައި ޓެކްސީ ކުރަމުން އަންނަ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު ކަމަށްވާ އައިމިނަތު ވަހީދާގެ ކާރަށް ބަޔަކު ގެއްލުން ދިނުމުން އޭނާގެ ދިފާއުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ނުކުމެވަޑައިގެންފިއެވެ. 

ވަހީދާގެ ޓެކްސީގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލާފައިވަނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޑްރަގް ކޯޓު ކުރިމަތީ ޕާކްކޮށްފައި އޮއްވާ އޭނާގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލިއިރު އެއީ ބަޔަކު އެކަން ކުރި ފަސްވަނަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅިގެން 28 ވަނަ ދުވަހު މަހްލޫފް އޭނާއާ ބައްދަލުކޮށްފައިވެއެވެ. އަދި މި މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ހަމައެހެންމެ ތަޅާލި ބިއްލޫރިގަނޑު ހަދައިދީފައި ވަނީ ވެސް މަހްލޫފްއެވެ. 

މިކަމާއި ގުޅިގެން ވަހީދާގެ ފޭސްބުކްގައި ވަނީ މަހްލޫފަށް ޝުކުރު އަދާކުރައްވާފައެވެ. 

މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބަދުވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އޭނާއަށް އުނދަގޫ ކުރަމުންދާ މީހާ ހުއްޓުވައި ގާނޫނު އަރާ ހަމަވަންދެން މަސައްކަތްކޮށްދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި އޭނާއަކީ ވަރަށް ހިތްވަރުގަދަ އަންހެން ކަނބަލެއް ކަމަށާއި އެންމެހާ އަންހެން ކަނބަލުންނަށް ނަމޫނާއެއް ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް ވަނީ ވަހީދާއަށް އަލުން އަނބުރާ މަސައްކަތަށް ނުކުމެވުނުކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

އަދި މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.