ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީޖީ މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މިގޮތުން، ޕީޖީ ޝަމީމް ވިދާޅުވީ، މަގާމާއި ހަވާލުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ދެއްވި އިންޓަވިއުގައިވެސް ޕީޖީގެ މަގާމް ބޭނުންވަނީ ދެ ކަމެއް ހާސިލްކުރަން ކަމަށް ވިދާޅުވެފައިވާނެކަމަށެވެ. ޕީޖީގެ މަގާމަކީ މަސްއޫލިއްޔަތުތައް ގިނަ މަގާމަކަށްވެފައި، މަގާމާއި ހަވާލުވަނީ ފައިދާހުރި ކަމެއް ކޮށްދިނުމުގެ މަގްސަދުގައިކަމަށް ޕީޖީ ވިދާޅުވިއެވެ. އެގޮތުން، އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާކުރުމާއި، ކުޑަކުދިންނާއި ބެހޭ މީހުންނަށް މުޖުތަމައުގައި ޖާގައެއް ނެތްކަން ވިސްނައިދިނުމަކީ ޝަމީމްގެ އަމާޒެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންނާ ބެހޭ މީހުންގެ މައްސަލަތަކަށް ދައުވާކުރެވުނު މިންވަރުގެ ތަފާސްހިސާބުތައް ހިއްސާކުރަމުން، ޝަމީމް ވިދާޅުވީ ފާއިތުވި 3 އަހަރުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދަކަށް ދައުވާ ކުރެވުނީ އެ މަނިކުފާނު މަގާމާއި ހަވާލުވުމަށް ފަހުގައިކަމަށެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރަށް ކުޑަކުދިންނާއި ބެހުމުގެ 94 މައްސަލައަށް ދައުވާކުރުމަށް ފޮނުވިފައިވާއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައި ފޮނުވާފައިވަނީ އެންމެ 86 މައްސަލައެވެ. ޕީޖީގެ މަގާމާއި ޝަމީމް ހަވާލުވިފަހުން، 2020 ވަނަ އަހަރުގެ ޖެނުއަރީއިން ސެޕްޓެމްބަރަށް ކުޑަ ކުދިންނާއި ބެހުމުގެ 161 މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ފޮނުވާފައިވެއެވެ. 

މީގެއިތުރުންވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ސިޔާސީ ނުފޫޒު ފޯރާކަމަށް ދެކެވޭ ވާހަކަތަކަށްވެސް ޕީޖީވަނީ ރައްދުދެއްވާފައެވެ. ޝަމީމް ވިދާޅުވީ، އެމަނިކުފާނުގެ މިޖާޒު ހުންނަ ގޮތުން މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުކުރުމަށް އައްސަވަން އެއްވެސް ބޭފުޅަކަށް ކެރިވަޑައިނުގަންނަވާނެ ކަމަށާއި، އެފަދަ އިޝާރާތެއްވެސް އަދި ކޮށްފައިނުވާކަމަށެވެ. 

މަގާމް ދޫކުރައްވަން ޖެހިވަޑައިގަތަސް އެކަމަށްވެސް ތައްޔާރުކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މަގާމުގައި ހުންނަވަންޏާ ނަތީޖާ ނެރެވޭވަރު ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.