ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުން 4-1 އިން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވިއިރު އެއްވަރުވެ ބާސެލޯނާ ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.
އަމިއްލަ ދަނޑުގައި ހުއެސްކާއާ ދެކޮޅަށް ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖަހައިދިނީ އެޑެން ހަޒާޑްއެވެ. އޭނާގެ މި ލަނޑަކީ 392 ދުވަހުގެ ފަހުން އޭނާ ރެއާލްއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 45 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފޯވާޑް ކަރީމް ބެންޒޭމާއެވެ.
ދެވަނަ ހާފު ވެސް ރެއާލްއިން ވަރުގަދަކޮށް ފެށިއިރު އެޓީމުގެ ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. ހުއެސްކާއިން 74 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ކުޑަކުރިއިރު އެ ލަނޑު އެޓީމަށް ޖަހައިދިނީ ޑޭވިޑް ފެރެއިރޯއެވެ. ރެއާލްގެ ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ ކަރީމް ބެންޒޭމާއެވެ.
ބާސެލޯނާ ވަނީ ރަށުން ބޭރުގައި އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ބާސާގެ ކީޕަރު ނެޓޯ އަތުން ބޯޅަ ގެއްލުމުން ލުއިސް ރިއޯހާ އަލަވޭސްއަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަލަވޭސްގެ ފަރާތުން މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބާސާއަށް އެއްވަރު ކުރެވުނީ 63 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ޖަހައިދިން ލަނޑަކުންނެވެ.
އެޓްލެޓިކޯ މެޑްރިޑްއިން ވަނީ 3-1 އިން އޮސަސޫނާ ބަލިކޮށްފައެވެ. މި މެޗުގައި އެޓްލެޓިކޯގެ ލަނޑުތައް ޔާއޮ ފީލިކްސް އާއި ލޫކަސް ޓޮރޭރާ ޖަހައިދިންއިރު އޮސަސޫނާގެ ލަނޑު އެޓީމަށް ޖަހައިދިނީ އެންޓޭ ބުޑްމިއަރއެވެ.
މި މެޗުތަކާއެކު ތާވަލުގެ އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. 6 މެޗުން ލިބުނު 8 ޕޮއިންޓާއެކު ބާސާ އޮތީ 12 ވަނައިގައެވެ.