ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސްދޯންޏެއް ހައިޖެކް ކުރި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ހުރިހާ މީހުން ވެސް ކޯޓުން ދޫކޮށްލުމާއި ގުޅިގެން އެމީހުންގެ ބަންދުގެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލާގައި 16 މީހުން ފުލުހުން ހައްޔަރުކުރިއެވެ. އެހެން ނަމަވެސް އެ އެންމެންގެ ވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ވަނީ ދޫކޮށްލާފައެވެ. މި މައްސާލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިހާރު ދަންނަވާފައިވާ ކަމަށެވެ.
ހަމައެހެންމެ މި މައްސަލާގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ނުވަތަ މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުސޫލްތަކާއި ޚިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސްވެރިކަން އުޅުނު "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރި ކަމަށް އެ ދޯނިން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.
އެހެން ނަމަވެސް ދޯނީގެ ވެރިފަރާތުން ވަނީ ދޯނި "ހައިޖެކް" ކޮށްފައިވާ ކަމުގެ ތުހުމަތުތަކަށް ރައްދު ދީފައެވެ. ދޯނީގެ ވެރި ފަރާތުން ބުނީ އާއިލާގެ ބައެއް ބޭފުޅުންނާއި އަދި ހެޔޮއެދޭ ރަހުމަތްތެރިންނާއެކު ދޯންޏަށްގޮސް ސުލްހަވެރިކަމާއެކު ހަވާލުކުރުމަށް އެދުނުކަމަށާއި ދޯނީގެ ފަޅުވެރިންނާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއްނުވާ ކަމަށެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.