މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސީނިއަރ އޮފިސަރުންގެ "ރޭންޖް ޑޭ 2020" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު މި ހަރަކާތް ބައްލަވާލެއްވީ މިއަދު ހެނދުނު ގިރިފުށީ ޓްރޭނިންގ ސެންޓަރަށް ވަޑައިގެންނެވެ. އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު ގިރިފުށްޓަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުލް ރަޙީމް ޢަބްދުލް ލަތީފު އެވެ. އަދި އަރިހުގައި އެމް.އެން.ޑީ.އެފް.ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ގިރިފުށީ ޓްރޭނިންގ ސެންޓަރު އަލުން ހުޅުވިގެން މި ދިޔައީ ގިރިފުށީގެ ބަޑިޖަހާ ރޭންޖްގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހުއެވެ. އަދި، އެ މަރުކަޒުގައި އިތުރަށް ފުރިހަމަކޮށްފައިވާ ކަންތައްތަކުގެ ތަފްޞީލު އެމް.އެން.ޑީ.އެފް އިން ވަނީ ޕްރެޒެންޓޭޝަނަކާއެކު ރައީސްއާ ހިއްސާކޮށްފައެވެ.
މިއަދުގެ މި ހަރާތުގައި ގިރިފުށި ރޭންޖުގައި ބޭނުންކުރާ ހަތިޔާރުތައް ވެސް ރައީސްއަށް ދައްކާލާފައިވާޢިރު ވެޕަންސް އިންސްޓްރަކްޓަރއެއް ވަނީ ރައީސްއަށް ހަތިޔާރުތަކާ ގުޅޭ މަޢުލޫމާތު ވެސް އަރުވާފައެވެ. މީގެ އިތުރުން، ފަޔަރ ޓާގެޓުތައް ވެސް ރައީސް ބައްލަވާލެއްވިއެވެ.
އެމް.އެން.ޑީ.އެފް އިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ރޭންޖް ޑޭ އަކީ ސިފައިންގެ އޮފިސަރުން ބައިވެރިވާ ހަރަކާތެކެވެ.