ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ "ބަޑި ބުރާސްފަތި" ގެ ނަމުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އިދިކޮޅުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީގައި ހުއްދަ އަކަށް އެދިފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށް ސިއްހީ މާރިހުން އަންނަނީ އިރުޝާދު ދެމުންނެވެ.
އެކަމާ ގުޅިގެން ސުޖާއު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ދައުރު ހަމަވަންދެން އެ ހާލަތު ދަމަހައްޓާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ބޭއްވި އެއްވުމުގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ގައިޑްލައިންސްއާ ހިލާފުވެ، ޕީޕީއެމް ޕީއެންސީގެ ބައެއް އިސްވެރިން ފުލުހަށް ހާޒިރުކޮށް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.