ހުސްފައިގައި އުދުހި މާސިންގާ ދިވެހި ކަނޑުތަކުން ދިވެހި ޕައިލެޓުން ހޯދާ ތަޖުރިބާއަކީ މިއަދު މިޤައުމުގެ ހައިބަތާއި ޝަރަފު ދައްކާ ރާއްޖޭގެ ފަހުރެއްކަމުގައި ޤައުމީ އެއަރލައިން ހިންގަމުންއަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.
ރިޒްވީ މިހެން ވިދާޅުވީ އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރަކަށް ސްޕައިސްޖެޓް ކުންފުނިން ގައުމީއެއާލައިންގެ ސީޕްލެއިންއެއް ޗަރަޓާ ދަތުރަށް އިޝާރާތްކުރައްވަމުންނެވެ.
"އިންޑިޔާއިން އެގައުމުގެ ޕްރައިމް މިނިސްޓަރުގެ ހާއްސަ ދަތުރަކަށް ދިވެހިންގެ ޤައުމީ އެއާލައިންގެ ބޯޓެއް ޗާޓާ ކުރުމަކީ، ދިވެހިންގެ ކުޅަދާނަކަމާއި ހުނަރު ބަލައިގަނެ އިޙްތިރާމް ކުރާކަން ރަމްޒުކޮށްދޭކަމެއް،" ރިޒްވީ ވިދާޅުވިއެވެ.
ސްޕައިސްޖެޓްގެ ޗާޓާ ދަތުރަކީ މޯދީ މީގެ ދެ އަހަރު ކުރިން ސީޕްލޭންގެ ހިދުމަތް އިންޑިޔާގައި ފެށުމަށް އިންޑިޔާގެ ރައްޔިތުންނަށް ވެފައިވާ ވައުދު އިފްތިތާޙްކުރެއްވުމަށް ކުރާ ދަތުރުފުޅެކެވެ. މިދަތުރަކީ އިންޑިޔާގައި ސީޕްލޭންގެ ހިދުމަތް އިފްތިތާޙް ކުރުމުގެ ރަސްމީ ހަރަކާތް ކަމަށްވާއިރު، ދިވެހިންގެ އެހީ މިފަދަ ބޮޑު ރަސްމިއްޔާތަކަށް ފޯރުކޮށްދެވުމަކީ ޤައުމީ އެއާލައިންނެއްގެ ހައިސިއްޔަތުން މިއަދު ފަހުރުވެރިވާ ކަމެއް ކަމަށާއި މިކަމުގައި ކުންފުނީގެ ހުރިހާ މުވައްޒަފުން ދެއްކި އެއްބައިވަންތަ ކަމަށް ރިޒްވީ ޝުކުރުއަދާކުރެއްވިއެވެ.
ރިޒްވީ ވިދާޅުވީ ދަތުރުގެ ސަބަބުން ކުންފުންޏަށާއި ޤައުމަށް ބޮޑު އެކްސްޕޯޝާއެއް ލިބޭނެ ކަމަށެވެ. މިފުރުސަތުގެ ބޭނުންހިފައި ސީޕްލޭންގެ ހިދުމަތް ދިވެހިވަންތަ ގޮތަކަށް ދިވެހިރާއްޖޭގެ އަސްދަޑިން ބޭރަށް ފުޅާކުރުމަށް ވިސްނާކަމަށް ޤައުމީ އެއާލައިން ހިންގުމާ 2018 ވަނަ އަހަރު ނޮވެންބަރު މަހު ހަވާލުވި މުޙައްމަދު ރިޒްވީ ދިވާޅުވިއެވެ.
ދިވެހިންގެ ހުނަރާއި ޤާބިލުކަން އެބަހުރިކަމަށާއި އަދި އެކަން ބޭރުގެ ބޮޑެތިގައުމުތަކުންވެސް ބަލައިގަންނަކަން މިދަތުރުންވެސް ހާމަވެއްޖެ ކަމަށާއި މުސްތަގުބަލުފެންނަނީ އުޖާލާކޮށް ކަމަށާއި، އިންޑިޔާއާއެކީ މިކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވާނީ ދެގައުމުގެ ގުޅުން ބަދަހިވެ ޒަމާންވީ އެކުވެރިކަން އިތުރަށް އާލާވެގެންދިއުންކަމުގެ ރިޒްވީ ވިދާޅުވިއެވެ.