ދޯނި ވިއްކާލައިގެން ލިބެންޖެހޭ ފައިސާ ނުލިބުމުން އާއިލާ ބިކަވެފައިވާކަމަށާއި، ހަމައެކަނި އެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިތުރަށް އަނިޔާވެރިވެ ނުލެއްވުންކަމަށް ފަސްކުރިދޯނީގެ އޮޑިވެރިޔާ އިދުރީސް ޙުސައިން ބުނެފިއެވެ. އިދުރީސް ޙުސައިން މިހެން ބުނެފައިވަނީ ފަސްކުރި ދޯނީގެ މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރައްވަމުންނެވެ.

އިދުރީސް ބުނި ގޮތުގައި، ފަސްކުރި ދޯންޏަކީ އޭނާގެ "މުޅި ޖާނާއި މާލު ހޭދަކޮށްގެން" ބަދެފައިވާ ދޯންޏެކެވެ. ދޯނި އިންސްޓޯލްމެންޓް އުސޫލުން ވިއްކާލުމަށް ނިންމައި 6 ޖެނުއަރީ 2019 ވަނަ ދުވަހު މެންބަރު ޖާބިރުގެ މަސްލަހަތު އޮންނަ "ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެކު އެއްބަސްވުމުގައި ސޮއިކޮށް އެއް އަހަރު ދުވަސްތެރޭގައި 7 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެވުނެވެ. އިދުރީސް މައުލޫމާތުދީފައިވާ ގޮތުގައި، މިއަދާ ހަމައަށް އެ ކުންފުނިން ދީފައިވަނީ ޖުމްލަ 7 ލައްކަ ރުފިޔާއެވެ. މިކަމުގެ ސަބަބުން އޭނާގެ އާއިލާވަނީ ވަރަށް ބޮޑަށް ބިކަވެފައެވެ.

ދޯނި "ހައިޖެކް" ކޮށްފައިވާ ކަމުގެ ތުހުމަތުތަކަށްވެސް އިދުރީސްވަނީ ރައްދުދީފައެވެ. އެގޮތުން، އޭނާ ބުނިގޮތުގައި، އާއިލާގެ ބައެއް ބޭފުޅުންނާއި އަދި ހެޔޮއެދޭ ރަހުމަތްތެރިންނާއެކު ދޯންޏަށްގޮސް ސުލްހަވެރިކަމާއެކު ހަވާލުކުރުމަށް އެދުނުކަމަށާއި ދޯނީގެ ފަޅުވެރިންނާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއްނުވެއެވެ. އަދި، ފަޅުވެރިން ނިދާނެތަނެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ދޯނީގެ ތަޅުދަނޑި އަތުލުމަށްފަހުވެސް ދޯނި އިތުރު ތާކަށް ނުގެންދަން ޝަރުތުކޮށް ފަޅުވެރިންނަށް ދޯނީގައި ނިދޭނެ އިންތިޒާމުވެސް އޭނާވަނީ ހަމަޖައްސައިދީފައެވެ. އިތުރަށް އިދުރީސް ބުނީ ދޯނި ހަވާލުކުރުމުގެ ވަގުތީ އަމުރު ކޯޓުން ނެރެދިނުމުން ފަޅުވެރިން ސުލްހަވެރިކަމާއެކު ދޯނިން ފޭބިކަމަށާއި އެމީހުން ދާންބޭނުންވާ ތަނަކަށް ގެންދިޔުމުގެ އިންތިޒާމުވެސް ހަމަޖެއްސީ އިދުރީސްގެ އަމިއްލަ ހަރަދުގައިކަމަށެވެ.

"އައްޑޫ ލައިވް"އަށް ދީފައިވާ މައުލޫމާތުތައް ދޮގުކޮށް އިދުރީސް ބުނީ އެފަދަ އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށެވެ. ދޯނިން ފުލުހުންނަށް ހަތިޔާރުފަދަ އެއްޗެއް ފެނުނު ނަމަ އެއީ ކުރިންވެސް ދޯނީގައި ހުރި އެއްޗެއް ކަމަށާއި މަސްކަނޑަން ބޮޑު ވަޅި ފަދަ ތަކެތި ދޯންޏެއްގައި ހުންނާނެކަމަށެވެ.

އާއިލާއާއި ރަހުމަތްތެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެކަމާ ހިތާމަކުރާކަމަށް ބުނެ ފަސްކުރިދޯނީގެ އޮޑިވެރިޔާ، ފުލުހުންނާއި މީޑިއާގެ ފަރާތުން އެދިފައިވަނީ އިތުރު ތަކުލީފެއް ނުޖެއްސުމަށެވެ. އިންސާފުވެރިކަމާއެކު މައްސަލަ ޝަރުއީ ކޯޓުން ނިންމައިދިނުމަށްވެސް އެދިފައިވެއެވެ. އިދުރީސް އިތުރަށް ބުނެފައިވާ ގޮތުގައި، ޖާބިރުއަކީ އޭނާއާއި އަޅާބަލާއިރު ސިޔާސީ ގޮތުންނާއި ފައިސާގެ ގޮތުންވެސް ނުފޫޒުގަދަ މީހަކެވެ. އޭނާއަކީ ޖާބިރުއާއަޅާ ބަލާއިރު ނިކަމެއްޗެކެވެ. އެދެނީ މެންބަރު ޖާބިރު އިތުރަށް އަނިޔާވެރިވެ ނުލެއްވުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.