އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާ އިން ހޫނު ރައްދެއް ދީފި އެވެ.

ރާއްޖެ އާއި އެމެރިކާ ދެމެދު އިއްޔެ ކުރިޔަށް ދިޔަ މަޝްވަރާ ބައްދަލުވުންތަކަށް ފަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮމްޕޭ ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުން ދެމުންދާ ކަމަށް ވެސް ޕޮމްޕޭ ވިދާޅުވި އެވެ.

އެ މައްސަލާގައި ޕޮމްޕޭ ދެއްކެވި ވަކި ވަކި ވާހަކަތަކަށް އަމާޒުކޮށް ޗައިނާ އެމްބަސީ އިން ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު އާންމު ކުރެއްވި އެމްބަސީގެ ބަޔާނުގައި ބުނެފައި ވަނީ ޕޮމްޕޭގެ ދަތުރުފުޅުގައި ޗައިނާއާ ބެހޭ ގޮތުން ބޮޑެތި ދޮގުތައް ހެދި ކަމަށެވެ. އަދި ޕޮމްޕޭ މަސައްކަތް ކުރައްވަނީ ޗައިނާ އާއި ރާއްޖެ އަދި އެހެން ގައުމުތަކާ ވެސް ދޭތެރެ ޖެއްސުމަށް ކަމަށެވެ.

ޗައިނާ އެމްބަސީ އިން ބުނި ގޮތުގައި އެމެރިކާ އާއި އިންޑިޔާ ގުޅިގެން އުފައްދާފައިވާ އިންޑޯ ޕެސިފިކް އެލަޔަންސް އަކީ ގައުމުތަކުގެ ދެމެދުގައި ހަމަނުޖެހުން އުފައްދާ، ޖިއޯ ޕޮލިޓިކްސްގެ ވާދަވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. 

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ހައްލު ކުރުމުގެ ގޮތުން 2060 ވަނަ އަހަރާ ހަމަޔަށް ދާއިރު ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ޗައިނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްބަސީ އިން ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އެމެރިކާއަކީ ތިމާވެށީގެ ހިމާޔަތަށް ހަދާފައިވާ ޕެރިސް އެގްރިމެންޓުން ވެސް ވަކިވެފައިވާ ގައުމެއް ކަމަށް ބުނެ ޗައިނާ އެމްބަސީ އިން ވަނީ އެމެރިކާއަށް ފާޑު ކިޔުން އަމާޒުކޮށްފަ އެވެ.

ޕޮމްޕޭގެ ދަތުރާ ގުޅިގެން ސަރުކާރުން ވަނީ އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ދަތުރުފުޅަށް ޗައިނާއާ ގާތް ގުޅުމެއް ބާއްވާ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.