ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސްދޯންޏެއް ހައިޖެކް ކުރި ކަމަށް ބުނާ މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ރެއިން ފެށިގެން މިއަދު މެންދުރާ ހަމަޔަށް ކޯޓު އަމުރެއްގެ ދަށުން ހަތް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. މި މައްސަލާގައި މިހާތަނަށް ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭގެތެރެއިން ހަތް މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މަސްވެރިކަން އުޅުނު "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރި ކަމަށް އެ ދޯނިން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.