ސްވިޒަރލޭންޑުން ނެރޭ "ރިސްކް  ކަންޓްރީސް ލިސްޓް" އިން ދިވެހިރާއްޖެ އުނިކޮށް، ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައަޅައިފިއެވެ.

ސްވިޒަރލޭންޑްގެ ފެޑެރަލް އޮފިސް އޮފް ޕަބްލިކް ހެލްތުން އިއުލާންކޮށްފައިވާ ގޮތުގައި، 29 އޮކްޓޯބަރުން ފެށިގެން ދިވެހިރާއްޖެ ވަނީ "ރިސްކް ކަންޓްރީސް ލިސްޓް" އިން އުނިކޮށްފައެވެ. މިއާއެކު، މިއަދުގެ ފަހުން ދިވެހިރާއްޖެއިން ސްވިޒަރލޭންޑަށްދާ ރައްޔިތުން އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެއެވެ. 

ސްވިޒަރލޭންޑްގެ ފެޑެރަލް އޮފިސް އޮފް ޕަބްލިކް ހެލްތުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން، "ރިސްކް ކަންޓްރީސް ލިސްޓް"ގައި ހިމެނޭ ގައުމަކުން ސްވިޒަރލޭންޑަށް ދަތުރުކުރާ ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހެއެވެ. 

ސްވިޒަރލޭންޑަކީ ރާއްޖެއަށް 13 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ކޮވިޑް-19ގެ ސަބަބުން ދަތުރުކުރުން ހުއްޓާލުމަށްފަހު އެޤައުމުގެ އެޑެލްވެއިސް އެއަރލައިންއިންއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައްވެސް ފަށާފައެވެ. ހަފްތާއަކު 2 ފަހަރު އެ ފްލައިޓްއިން ދަތުރުކުރާއިރު، ސްވިޒަރލޭންޑް ސަރުކާރުގެ މި ނިންމުމާއެކު ސްވިޒަރލޭންޑުން ދިވެހިރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

ކޮރޯނާ ވައިރަސް ހުއްޓުވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް، ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަނެ، ސޭފް ޓުއުރިޒަމް ސްޓޭމްޕްވެސް ދިވެހިރާއްޖެއަށް ދީފައިވެއެވެ. އިނގިރޭސިވިލާތުން ރައްކާތެރިކަމަށް ކަނޑައެޅި މަންޒިލުތަކުގެ ތެރޭގައިވެސް ދިވެހިރާއްޖެ ވަނީ ހިމަނާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.