އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި ދެ ސިޓީ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅިގެން ދިޔުމާއެކު ރައީސް ވަނީ އެ ދެ ސިޓީގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ އެއީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެކަމާއި ގުޅިގެން ޔުނެސްކޯ އާއި ޔޫއެސް އެއިޑް އަދި އައިޔޫސީއެން މޯލްޑިވްސްއަށް ޝުކުރު އަދާކުރައްވާފައެވެ.
އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުމަށް ނިންމީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. މި ނިންމެވުމާ އެއް ގޮތަށް 30 ސެޕްޓެންބަރ 2019 ގައިވަނީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައެވެ. މިއީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކުގެ ބޭފުޅުންނާވެސް މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެކެވެ.
އަދި އިއްޔެ ބޭއްވުނު ނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލްގައި ވަނީ އެގޮތަށް ނިންމާފައެވެ. މިއާއެކު ރާއްޖޭގައި ޔުނެސްކޯގެ 3 ބަޔޮސްފިއަރ ރިޒާވް އެބައޮތެވެ. މީގެކުރިން ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ބ. އަތޮޅު އެކަންޏެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެކެވެ.