ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ގެންދަނީ -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ކޮވިޑްގެ ހާލަތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މިއަދު 9:30 ގައި ކްރިމިިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކުރި ޝަރިއަތުގެ އަޑުއެހުން ކެންސަލް ކޮށްފައި މިވަނީ ކޮވިޑްގެ ހާލަތު ނިމި، އާންމު ހާލަތަކަށް ދަންދެން ރައީސް އަބްދުﷲ ޔާމީން މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެދިފައިވަނިކޮށެވެ.

މިއަދުގެ ޝަރިއަތުގެ އަޑުއެހުން ބޭއްވުމަށް ނިންމާފައިވަނީ ރައީސް ޔާމީން ކޯޓަށް ހާޒިރު ކޮށްގެންނެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ ދުރާލާ ތާވަލުކޮށް، އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތަކެއް ނަމަވެސް، މި ދުވަސްވަރަކީ ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށެވެ. އެގޮތުން މި ބަލީގެ ނުރައްކާތެރިކަމުގެ ސަބަބުން މި ބަލިން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ގެއިން ބޭރަށް ނުކުތުންވެސް މަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި އެމަނިކުފާނު ސިއްހީ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކޯޓަށް ހާޒިރު ކުރުމަކީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދޭ ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަކީލުން ބުންޏެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ފަސްކޮށްދިނުމަށާއި ކޮވިޑްގެ ބަލިމަޑުކަން ހަމައަކަށް އެޅި، އާންމު ހާލަތަކަށް ދަންދެން މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިއެދިފައިވާ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.