އިސްލާމީ ދައުލަތް ފެށިގެން އައިރު މުސްލިމުން ދެއްކިފަދަ ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ފަރާތުންވެސް ފެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރަސޫލާގެ ޢީދު މީލާދީގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ އޭރު މުސްލުމުން ދެއްކިފަދަ ނަމޫނާއެއް ދައްކައިގެންކަމަށެވެ. މީގެ އިތުރުންވެސް، މި މުނާސަބާއިން ރަސޫލާ މެދުވެރިކުރައްވައި އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތް ހަނދާނަށް ގެނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މުނާސަބާ ފާހަގަކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަސޫލާގެ ސީރަތުން ލިބިގަންނަންވީ ފިލާވަޅުތަކުގެ ތެރޭގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ޢަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުމުގެ މުހިންމުކަން ހިމެނޭކަމަށެވެ. 

އަދިވެސް ރައީސް ވިދާޅުވީ، އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަމާއި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ކަމާއި، ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، މަޢާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުންފަދަ އެކަލޭގެފާނު ދެއްކެވި އަހްލާގީ ނަމޫނާތަކުން އިބުރަތް ހާސިލްކުރަންޖެހޭކަމަށެވެ.

މި މެސެޖުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނާ، ހުރިހާ މުސްލިމު އަޚުންނާއި އުޚުތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.