އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެންބަރު ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝަހީބު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ޝަހީބުގެ ބަންދުގެ މުއްދަތު ފުރަތަމަ ފަހަރު އިތުރުކުރީވެސް ހެކި ހުރެގެން ކަމަށާއި، މިފަހަރު ބަންދުގެ މުއްދަތު އިތުރުކުރަން ފަހުން ލިބިފައިވާ ހެކިތައްވެސް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ. 

މި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ. މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ޝަހީބް އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޝަހީބް އިބްރާހިމް އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ޝަހީބް އަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. އަދި 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ތާއީދާއެކު އޭނާ ވިލިނގިލީ ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.