އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަރަށް ބޮޑަށް ޗައިނާއަށް ފާޑުވިދާޅުވެއްޖެއެވެ.
އެގޮތުން، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއެކު ބޭއްވެވި މަޝްވަރާބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕޮމްޕޭއޯ ވިދާޅުވީ، ދިވެހިރާއްޖެއާއި ސްރީ ލަންކާ ފަދަ ގައުމްތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން ނުރައްކާ ކުރިމަތިވަމުންދާކަމަށާއި މިފަދަ ގައުމްތަކަށް ހާއްސަ ނަޒަރަކުން ބައްލަވަމުން ގެންދަވާކަމަށެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޕޮމްޕޭއޯ ވިދާޅުވީ، ޗައިނާއިން އެހެން ގައުމްތަކުގެ އިސްތިގްލާލަށް އަހަންމިއްޔަތުކަން ނުދޭ މިންވަރު ސައުތު ޗައިނާ ސީ ގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީއިން ހިންގަމުންދާ އަމަލުތަކުން ދޭހަވާކަމަށެވެ. އަދިވެސް، ޕޮމްޕޭއޯ ވިދާޅުވީ ޗައިނާއިން އެހެން ގައުމްތަކުގެ އިގްތިސާދީ ޒޯންތަކަށް ގަދަކަމުން ވަންނަ ކަމަށާއި ޗައިނާގެ ސަރުކާރު ކުންފުނިތަކުން ތިމާވެށްޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދޭކަމަށެވެ.
މިގޮތުން، ޕޮމްޕޭއޯ ވިދާޅުވީ މި ކުންފުނިތަކުން ތިމާވެށްޓަށް ދޭ ގެއްލުމުގެ ސަބަބުން އެހެން ގައުމްތަކަށް އަސަރުކުރާ މިންވަރު ވަޒަންކޮށްލަން ދަތިކަމަށެވެ. މީގެއިތުރުން، ޕޮމްޕޭއޯ ވަނީ ޗައިނާ ސަރުކާރުން ގާނޫނާއި ހިލާފަށް މަސްވެރިކަން ހުއްޓުވުމަށް ގެންގުޅޭ ޒީރޯ ޓޮލަރެންސް ޕޮލިސީއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޗައިނާގެ މަސް ބޯޓުތަކުން ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރުމުގެ ސަބަބުން މަޑަގަސްކަރ އަދި އިންޑަނޭޝިއާ ފަދަ ގައުމްތަކުގެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން ފާހަގަކޮށް ޕޮމްޕޭއޯ ވިދާޅުވީ، މީގެ ސަބަބުން މަސްވެރިކަމަށް ބަރޯސާވެފައިވާ ގައުމްތަކުގެ ރައްޔިތުންގެ ދިރިހުރުމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށެވެ.
މައިކް ޕޮމްޕޭއޯ އިތުރަށް ވިދާޅުވީ، ޗައިނާއާއި ހިލާފަށް އެމެރިކާއިން އެހެން ގައުމްތަކުގެ އިސްތިގުލާލަށް އިހްތިރާމްކުރާނެކަމަށެވެ. އެމެރިކާއިން ބޭނުންވަނީ ދެފުށްފެންނަ ނިޒާމަކުން ކަންތައްތައް ކުރަން ކަމަށާއި، ދޭދޭ ގައުމްތަކުގެ މެދުގައި ރަހުމަތްތެރިކަން ގާއިމްކުރުމަކީ އެމެރިކާއިން އަބަދުވެސް ވަކާލާތު ކުރާކަމެއްކަމަށް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ދިވެހިރާއްޖެއަށް އިތުރު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށްވެސް ޕޮމްޕޭއޯ ވިދާޅުވިއެވެ.
މައިކް ޕޮމްޕޭއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރެއް ރާއްޖެ ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު އެމެރިކާގެ ސަރުކާރުގެ މިހާ މަތީ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.