މިއަދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީ މައިކް ޕޮމްޕޭއޯ އާއި އެކު ބޭއްވުނު ބައްދަލުވުމުގައި ގިނަ ދާއިރާތަކަކުން އެމެރިކާއާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.
މިގޮތުން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުންވެސް ޓްރޭޑް، އިންވެސްޓްމެންޓް، ތިމާވެށި ރައްކާތެރިކުރުން، އަދި ސައިބަރ ސެކިއުރިޓީ ވަރުގަދަ ކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި ޓެރަރިޒަމް ހުއްޓުވުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމްކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. އަދި، އެމެރިކާގެ ރެޒިޑެންޓް އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވުމަށް ނިންމައި، އެކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަދައްކަވާފައިވެއެވެ.
މައިކް ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި، އެމެރިކާއިން ދިވެހިރާއްޖެއަށް ދޭ އެހީތައް އިތުރުކުރުމަށް ނިންމާފައިވާކަންވެސް އިއުލާންކުރައްވާފައިވެއެެވެ. އެގޮތުން، ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން، ޔޫއެސް އެއިޑް ޕްރޮގްރާމްގެ ދަށުން 2 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، 12 މާރޗް 2019ގައި ސޮއި ކުރެވުނު ޑީއޯއޭޖީ ޕްރޮގްރާމްގެ ދަށުން، ތަރައްގީގެ މަޝްރޫއުތަކަށް 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށްވެސް އެމެރިކާއިން ވަނީ ނިންމާފައެވެ.
މައިކް ޕޮމްޕޭއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރެއް ރާއްޖެ ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު އެމެރިކާގެ ސަރުކާރުގެ މިހާ މަތީ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.