12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޑްރަގް ވޮޗްޑޯގްއިން ހުއްދަދީފިއެވެ.

ފައިޒާ ވެކްސިނަށް އީޔޫއިން އުމުރުން ހަގު ކުދިންނަށް ޖެހުމަށް ހުއްދަ ދީފައިވަނީ ވެކްސިން ޖެހުމުގެ ސަބަބުން ފާހަގަކުރެވޭވަރުގެ ބޮޑެތި ސައިޑް އެފެކްޓެއް ފެންނަން ނެތުމުންކަމަށް ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ) އިން ބުނެއެވެ.

ހަގު އުމުރުގެ ކުދިންނަށް ވެކްސިން ޖަހަން ފެށުމަކީ ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް.

އީއެމްއޭ އިން ހުއްދަ ދެވުމާއެކު ފައިޒާ ވެކްސިން ޔޫރަޕުގެ ގައުމުތަކުގައި ޖަހަން ފެށުމަށް ތައްޔާރތައް ވަމުން އަންނައިރު، އަލަށް ޖަހަން ފެށޫ ކުޑަކުދިންނަށްވެސް ވެކްސިންގެ ދެ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ 3 ހަފްތާގެ ދުރުމިނުގައެވެ.

12 އަހރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދެވުމާއެކު ޖަރުމަންވިލާތުން އަންނަނީ ޖޫންމަހުގެ 7 ވަނަ ދުވަހުން ފެށިގެން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިންޖެހުމަށް ތައްޔާރީތައް ވަމުންނެވެ. އެހެންނަމަވެސް، ވެކްސިންގެ ސަބަބުން ދިގު މުއްދަތުގެ ތެރޭގައި އައިސްދާނެ ސައިޑް އިފެކްޓްތަކުގެ މައުލޫމާތު އެކަށީގެންވާވަރަށް ލިބިފައި ނެތުމުން ހައި ރިސްކް ކުދިންނަށް އެކަނި ޖެހުމަށް ޖަރުމަންވިލާތިގެ ޕީޑިއެޓްރިކްސް ޕްރޮފެސަރ ރުޑިގަރ ވޮން ކްރައިސް ވަނީ ބުނެފައެވެ.

ޔޫރަޕްގެ ގައުމުތަކުން ކުޑަކުދިންނަށް ވެކްސިން ޖެހުމަށް ތައްޔާރުވަމުން އަންނައިރު އެމެރިކާއާއި ކެނެޑާގައި މިހާރުވެސް އަންނަނީ ފައިޒާ ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ޖަހަމުންނެވެ.

މާރިޗް މަހު ފައިޒާ އެންޑް ބައޯއެންޓެކް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިނުން 100 އިންސައްތަ ސަލާމަތްކަން ފޯރުކޮށްދޭކަމަށް ހާމަވެއެވެ.

އުމުރުން ހަގު ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުއްދަ ލިބިފައިވާއިރުޔ މޮޑާނާއިންވެސް އަންނަނީ އެކުންފުނީގެ ވެކްސިން އެމަޖެންސީ ހާލަތްތަކުގައި ކުޑަކުދިންނަށް ޖެހުމަށް ހުއްދަ ހޯދުމަށް އެމެރިކަގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ހުށައެޅުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އެގައުމުތަކުގެ ކުޑަކުދިންނަށާއި ހައި ރިސްކް ނޫން ފަރާތްތަކަށް ވެކްސިން ޖަހަމުން އައުމާއި ގުޅިގެން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑަބްލިޔުއެޗްއޯ އިން ގޮވާޅަމުން އަންނަނީ ދުނިޔޭގެ ފަގީރު ގައުމުތަކުގެ ސިއްހި ހިދުމަތްތެރިންނަށާއި ހައިރިސްކު މީހުންނާއި އުމުރުން ދުވަސްވިމީހުންނަށް ވެކްސިން ޖެހުން މުހިންމުކަމަށް ބުނަމުންނެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔޭގައި މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ޝޮޓޫ ޖެހިފައިވާއިރު ފަގީރު ގައުމުތަކުގެ 2 އިންސައްތަޔަށްވެސް އަދި ޖެހިފައި ނުވޭ.

ޑަބްލިޔުއެޗްއޯ އިން މަސައްކަތް ކުރަމުން އަންނަނީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އާބާދީގެ 20 އިންސައްތަޔަށް މިއަހަރު ނިމުމުގެ ކުރިން ވެކްސިން ޖެހުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *