ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެެވެ.
ފުލުހުން ބުނީ ރޫޓު ފިހާރައިގެ ފައިސާތަކެއް ވަގަށް ނަގަން އުޅުނު މައްސަލައިގެ ތުހުމަތުގައިި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ފިމީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި އެ ހާދިސާ ހިނގި ވީޑިއޯއިން ފެންނަ ގޮތުގައި ރޫޓްގެ ފައިސާތައް ފޭރުމުގައި ހަތަރު މީހަކު ހަރަކާތްތެރިވި އެވެ. އެ އެންމެން ވެސް ތިބީ ކަޅު ކުލައިގެ އެއްޗެހި ލައިގެން ހެލްމެޓާއި މާސްކު އަޅައިގެނެވެ.
ރޫޓްގެ ފައިސާތައް ޖަމާ ކުރަން އެ ކުންފުނީގެ ވޭން ބެންކް އޮފް ސިލޯން ކުރި މައްޗަށް މަޑު ކުރުމުން އެ ވޭނުގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް ފަހު ފައިސާތައް ފޭރިގަންނަން އުޅުނެވެ. އެހެން ނަމަވެސް ބެންކުގެ ސެކިއުރިޓީ ގާޑާއި ރޫޓްގެ މުއައްޒަފުން ކުރި މަސައްކަތުން އެ ފޭރުން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.