ކޮވިޑް 19 އަށް ޕޮސިޓިވްވެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔުވެންޓަސްއިން ބާސާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލިއްޖެއެވެ. މި މަހުގެ ކުރީކޮޅު ރޮނާލްޑޯ ކޮވިޑަށް ޕޮސިޓިވްވިއިރު މި މެޗުގައި ކުޅުމަށް 24 ގަޑިއިރު ކުރިން އޭނާ ހަދަން ޖެހޭ ޓެސްޓް ވެސް ވަނީ ޕޮސިޓިވްވެފައެވެ. އެހެންކަމުން ޔުއެފާގެ ގަވާއިދުތައް ބުނާގޮތުން މި މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮސިޓިވްވީ ޕޯޗުގަލްއާއެކު ޔުއެފާ ނޭޝަންސް ލީގުގައި ކުުޅުމަށް ގޮސް ހުއްޓައެވެ. މިއާއެކު އޭނާއަށް ވަނީ ޖުމްލަ ތިން މެޗު މިހާރު ގެއްލިފައެވެ.
ޔުވެންޓަސް އަދި ބާސާ ބައްދަލުކުރާ މެޗަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރޮނާލްޑޯ އަދި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ފެނިގެންދާނެ މެޗެވެ. މިދިޔަ ދެ ސީޒަނުގައި ވެސް ޔުވެންޓަސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ރޮނާލްޑޯ ކަމަށްވާއިރު މިރޭގެ މެޗުގައި އޭނާ ނުފެނުމަކީ ކޯޗު އަންދްރެއާ ޕިރުލޯއަށް ލިބޭ ގެއްލުމެކެވެ.
މި ދަނޑިވަޅުގައި އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވަނީ ރޮނާލްޑޯ އަލުން އެނބުރި ކޮވިޑާއެކު އިޓަލީއަށް އައުމާއެކު އެކަން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 01:00 ގައެވެ.