އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ މާދަމާ މެންދުރު ރާއްޖެ ވަޑައިގަންނަވާނެއެވެ. އެހެން ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނެ ސީދާ ގަޑިއެއް ފޮރިން މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އަރިހަށް މައިކް ޕޮމްޕެއޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެއިތުރުންވެސް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ކޮވިޑް-19 އާ ދެކޮޅަށް ދެގައުމުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.
އަދި ޝާހިދު އާއި ޕޮމްޕެއޯ އާ ދެ ބޭފުޅުންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އަދި އިންޑިއާގެ އެމެރިކާގެ ގުޅުމާއި ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ.
އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިހާތަނަށް އިންޑިއާއަށް ވެސް ވަޑައިގެންފައެވެ. އަދި ރާއްޖެ ވަޑައިގަތުމުގެ ކުރިން ސްރީ ލަންކާއަށް ވެސް ވަޑައިގަންނަވާނެއެވެ.
މިއީ 1992 ވަނަ އަހަރަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު އެމެރިކާގެ ސަރުކާރުގެ މިހާ މަތީ ފަންތީގެ ބޭފުޅަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.