ޝަރީއަތުގައި ހޫނު ބަހުސްތަކެއް ކުރުމަށްފަހު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑިއާ ގުޅޭ މައްސަލާގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ. 

ޔައުގޫބުގެ ގޮނޑިއާމެދު ސުވާލު އުފެދުނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލްގެ މެންބަރު ކަމަށް އޭނާ އައްޔަން ކުރުމާ ގުޅިގެންނެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މުސްތަގިއްލު ތަނެކެވެ. އެހެންވެ އެ ތަނުގެ އިންތިގާލީ ކައުންސިލަށް މެމްބަރު ވެސް ވާނީ މުސްތަގިއްލު ބަޔަކަށެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 5 އަދި 8 ގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސްތަގިއްލު މަގާމަކަށް ނުދެވޭނެއެވެ.

އެހެންވެ އޭނާ އެ މަގާމު ގަބޫލު ކުރެއްވުމާއެކު މަޖިލިސް މެންބަރެއްގެ ޝަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލިފައިވާ ކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްސަދު ޝަރީފެވެ. 

މިއަދު މި މައްސަލާގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އެންމެ ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުން އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދައުވާ ރައްދުވާ އަދި މައްސަލަ ހުށަހެޅި ދެ ފަރާތަށް ވަނީ ދެއްވާފައެވެ. ކޮންމެ ފަރާތަކުން ވެސް ވަނީ އެ ފަރާތުގެ ރައްދުތަކާއި ބަހުސްތައް ސާބިތުކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ. 

އެގޮތުން، ޔައުގޫބު ގަބޫލު ކުރެއްވި މަގާމަކީ ވަޒީފާއެއްތޯއެއް ކަމާމެދު ބަހުސް ކުރެވުނެވެ. އައްސަދުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލް އަހުމަދު ތޯލިބު ވިދާޅުވީ ޔައުގޫބު ގަބޫލު ކުރެއްވި މަގާމުގައި ވަޒީފާގެ ސިފަތައް އެބަހުއްޓެވެ. އެއީ ޒިންމާތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގަވައިދުތައް ހެދުން ވެސް ހިމެނޭ ކަމަށެވެ. އަދި މަގާމުގެ މުއްދަތާއި ވަކި ކުރެވޭނެ ގޮތް ބަޔާންކޮށްފައިވާއިރު ބައްދަލުވުންތަކަށް ލިބޭ އެލެވެންސްއެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ޔައުގޫބު ވަޑައިގެންނެވީ މުސްތަގިއްލު ބޮޑީއެއްގެ ވަޒީފާއަށް ކަމަށެވެ.

ނަމަވެސް އެކަމުން ޔައުގޫބު ދިފާއު ކުރައްވަމުން އޭނާގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ، އެކަމުގެ ސަބަބުން ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެއީ ޔައުގޫބު ހިލާފުވި ކަމަށް ބުނާ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިނުވާތީއެވެ. ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވަނީ އެ މާއްދާގެ (ނ)ގައި ބުނާ ހާލަތްތައް މެދުވެރިވުމުންނެވެ. 

މަހުފޫޒު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތް ނަތީޖާއެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ވެސް ނޯންނާނެ ކަމަށެވެ. އެހެން މަހުފޫޒު ވިދާޅުވުމުން ފްލޯކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމަށް އިޝާރާތް ކުރައްވައި ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވިއެވެ. މަހުފޫޒު ވިދާޅުވީ ފްލޯކްރޮސިންއާ ގުޅޭ ސުޕްރީމް ކޯޓުގެ ހުކުމަކީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ސުޕްރީމް ކޯޓުގެ އިމުން ބޭރުވެގެން ނެރެފައިވާ ހުކުމެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އެ ހުކުމްގެ ނިންމުމާ ދުރަށްދާން ޖެހޭ ކަމަށެވެ. 

ދެން ބަހުސް ކުރެވުނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުއައްސަސާއެއްތޯ ކުރެވުނު ބަހުސެވެ. ވަކީލް އަހުމަދު ތޯލިބު ވިދާޅުވީ އިންސްޓިޓިއުޓްއަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބި ގަތުމުގެ ބާރު ވެސް ލިބިފައިވާއިރު އެ އިންސްޓިޓިއުޓްގައި މިނިވަން މުސްތަގިއްލު އިދާރާއެއްގެ ސިފަތައް އެބަހުރި ކަމަށެވެ. ނަމަވެސް ޔައުގޫބުގެ އަނެއް ވަކީލް މޫސާ އާލިމް ވިދާޅުވީ މިނިވަން މުއައްސަސާއަކަށްވުމަކީ އަމިއްލައަށް ދައުވާ ކުރުމާއި ލިބިގަތުން ކަމަށް ބަަލައިގެންނުވާނެ ކަމަށެވެ. މިނިވަންކަމާއެކު މަސައްކަތް ކުރާ ބައެއް ބޮޑީތައް ބަންޑާރަ ނައިބު އޮފީސް ތަމްސީލް ކުރާ ގޮތަށް ވެސް އެބަހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިނިވަން މުއައްސަސާތަކަކީ ވަކި ގޮތަކަށް ވަކި ކޮންސެޕްޓެއްގައި އޮތް އެއްޗެއްގެ ގޮތުގައި އެޕްލައި ކުރާނެ މާއްދާއެއް ނެތް ކަމަށް ވެސް އާލިމް ވިދާޅުވިއެވެ. 

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އެ އިންސްޓިޓިއުޓްއަށް ސަރުކާރުގެ ކިހާވަރެއްގެ ނުފޫޒެއް އޮވޭތޯ ސުވާލު ކުރައްވާފައެވެ. އަދި އެލެވެންސެއް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިވުމަކީ ނުފޫޒެއް ނޫންތޯ ވެސް ސުވާލު ކުރެއްވިއެވެ. އާލިމް ވިދާޅުވީ އިންސްޓިޓިއުޓްއަށް ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށެވެ. ދައުލަތުގެ ބަޖެޓުން އެލެވެންސް ކަނޑައަޅާފައި އޮތުމަކީ ނުފޫޒެއް ނޫން ކަމަށެވެ. އެހެން މިނިވަން މުއައްސަސާތަކަށް ވެސް މުސާރަ އާއި ބަޖެޓް ކަނޑައަޅަނީ ދައުލަތުގެ ބަޖެޓުންކަން ފާހަގަ ކުރެއްވިއެވެ. 

ފަނޑިޔާރު މަހާޒު ވަނީ ޔައުގޫބު، އެ އިންސްޓިޓިއުޓްގައި ހުންނަވައިގެން ފޯރުވޭނީ ކޮން ކަހަލަ ނުފޫޒެއްތޯ ކޮން ބައެއްގެ މައްޗަށްތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލު ކުރެއްވުމާއެކު، މައްސަލަ ހުށަހެޅުއްވި ހަލީމް ވިދާޅުވީ އެއީ މައްސަލައާ ގުޅުމެއް ނެތް ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް ފަނޑިޔާރު މަހާޒު ވަނީ ގުޅުމެއް އޮތްތޯ ނުވަތަ ނޫންތޯ އެކަރިކޮށްފައި އެ ސުވާލަށް ޖަވާބު ދެއްވުމަށް ހަލީމްއަށް އަންގަވާފައެވެ. ހަލީމް ވިދާޅުވީ މިތަނުގައި އޮތް ބަހުސަކީ ގާނޫނު އަސާސީއިން މަނާ ކުރާ މަގާމަކަށް ޔައުގޫބު ވަޑައިގަތުން ކަމަށާއި އެ މަގާމަށް އޭނާ ވަޑައިގަތް ކަމަށެވެ. އެ މަގާމުގައި އޭނާ ފޯރުވަނީ ކޮން ނުފޫޒެއްތޯ އެއީ މުހިންމު ކަމެއް ނޫން ކަމަށެވެ. އޮޑިޓަރެއްގެ ހައިސިއްޔަތުން އޮންނަ ނުފޫޒެއް އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

އަޑުއެހުން ނިންމާލުމުގެ ކުރިން އެންމެ ފަހުގެ ބަސް އިއްވުމަށް ފުރުސަތު ދެއްވިއެވެ. މައްސަލަ ހުށަހެޅުއްވި ކުރީގެ ގާޒީ ހަލީމް ވިދާޅުވީ، އިންސްޓިޓިއުޓްގައި މުސްތަގިއްލު އިދާރާއެއްގެ ހުރިހާ ސިފަތަކެއް އެބަހުރި ކަމަށާއި އެތަނުގެ މަގާމަކަށް އޭނާ ވަޑައިގަތުމަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ޝަރުތުތައް އޭނާގެ ކިބައިން އުނިވާނެ ކަމެއް ކަމަށެވެ. ވަކީލް އަލީ ޝާހް ވިދާޅުވީ ޝަރުތެއް އުނިވެއްޖެނަމަ އެއީ ފުރިހަމަ މީހެއްތޯ ނުވަތަ ނޫންތޯ ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. 

އަލީ ޝާހް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމަން ޖެހިފައިވަނީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށެވެ. މިއަދު ޔައުގޫބު ކުރި އަމަލަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް ކަނޑައަޅައި އެ އަމަލު ހުއްދަކޮށްފިނަމަ، ސަރުކާރުގަ އާއި އުފައްދާ އިދާރާތަކާއި ބޮޑީތަކުގައި ތިބޭނީ މަޖިލިސް މެންބަރުން ކަމަށާއި ޔައުގޫބުގެ އަމަލު ހުއްދަކޮށްފިނަމަ ގާނޫނު އަސާސީގައި ފަރުމާކޮށްފައިވާ މުޅި ނިޒާމް ބޮއްސުންލައިގެންދާނެ ކަމަށް އަލީ ޝާހް ވިދާޅުވިއެވެ. 

ޔައުގޫބުގެ ވަކީލް އާލިމް ވިދާޅުވީ ޔައުގޫބުގެ ގޮނޑި، ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާގެ ހަވާލުގައި ގެއްލޭނެކަން މައްސަލަ ހުށަހެޅި ފަރާތްތަކަށް ބުނެދެވިފައިނުވާ ކަމަށާއި އެހެންކަމުން އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދެއްވުމަށް އެދޭ ކަމަށެވެ. ފަނޑިޔާރު ސުއޫދު ވިދާޅުވީ މި މައްސަލާގައި އިތުރު ކަމެއް ދެން ސާފު ކުރަން ނެތްނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.