އެމްޑީޕީ މެންބަރުން ވޯޓު ނުދެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފޯމޭޝަން ބަދަލު ކުރުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ކޮމިޝަންގެ ފޯމޭޝަން ބަދަލުކުރުމަށް ޖޭއެސްސީގެ ވާހަކަތައް ބަޔާންކޮށްފައިވާ ގާނޫނު އަސާސީގެ މާއްދާތައް އިސްލާހު ކުރުމަށް ބިލް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް)އެވެ. އޭނާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެކެވެ.
މިއަދު ވަނީ ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފައެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވީ އިދިކޮޅު މެންބަރުން އެކަންޏެވެ. އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް މެންބަރަކު ވާހަކަ ދައްކަވާފައިނުވާއިރު ބިލްގެ އިބްތިދާއީ ބަހުސް ވަނީ ނިންމާލާފައެވެ.
އެހެންވެ، ބިލް ބަލައިގަތުމާ ގުޅޭ ގޮތުން މިއަދު ވަނީ ވޯޓަށް އަހާފައެވެ. އެ ވޯޓުގައި 50 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބިލް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވެ.
ޖޭއެސްސީގައި މިހާރު އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ތިއްބަވައެވެ. އެގޮތުން ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންނެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް އިންނަވައެވެ.