ކުރީ ސަރުކާރު އޮތްއިރު ވަރަށް ނުފޫޒުގަދަ، ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ އޭރުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު އުފުލައިފިއެވެ. މި ތުހުމަތު އޭނާގެ މައްޗަށް އުފުލާފައިވަނީ މިދިޔަ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. 

މި ނޫހަށް އެނގިފައިވާ ގޮތުގައި ކޮމިޝަނުން ނިހާންގެ މައްޗަށް ތިން ތުހުމަތެއް ކުރެއެވެ. އެގޮތުން ފުރަތަމަ ތުހުމަތަކީ މަނީ ލޯންޑްރިން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ހަރަކާތެއް ނުވަތަ އަމަލެއް ހިންގުމެވެ. ދެވަނަ ތުހުމަތަކީ ކޮރަޕްޝަންގެ ކުށުގެ ތުހުމަތެވެ. ތިންވަނައަށް ކުރާ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރެ، ރިޝްވަތު ދިނުމާއި، ރިޝްވަތު ހުށަހެޅުމާއި ރިޝްވަތު ދިނުމަށް އެއްބަސްވި ކަމުގެ ކުށުގެ ތުހުމަތެވެ. 

ނިހާންގެ މައްޗަށް ހިޔާނާތުގެ ބޮޑު ތިން ތުހުމަތެއް އުފުލާފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އެ ދުވަހު އޭނާ ގާނޫނީ ވަކީލެއްގެ ފުރުސަތަކަށް އެދުމުން ތަހުގީގު ފަސްކުރިއެވެ. ގާނޫނީ ވަކީލަކާއެކު އިއްޔެ ނިހާން ވަނީ ކޮމިޝަނަށް ހާޒިރުވެފައެވެ. ތަހުގީގުގައި އިއްޔެ ކޮމިޝަނުން ނިހާންއާ ސުވާލުކޮށްފައިވެއެވެ. 

ޕީޕީއެމްގެ ވަރަށް އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ނިހާންއަށް މި ތުހުމަތުތައް ކުރާއިރު، އޭނާގެ އަންހެނުންނާއި ބޭބެ ވެސް ވަނީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ނިހާން އަދި އޭނާގެ އަންހެނުންނާއި ބޭބެ ހާޒިރުކޮށްފައިވަނީ ކޮމިޝަނުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންދާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ އާއި ނިހާންގެ އަގުބޮޑު ގަޑިތަކާއި ފްލެޓާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ނިހާންގެ އަގުބޮޑު ގަޑިތަކާއި ފްލެޓްގެ މައްސަލާގައި އޭނާއަށް ބޮޑެތި ތުހުމަތުތަކެއް މީގެކުރިން ވެސް ކުރެވިފައިވެއެވެ.

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރުގެ މަޖިލިސް ގިނަ މެންބަރުންނަށް ބޮޑެތި އަދަދުން ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ކޮމިޝަނުން ދަނީ އެފަދަ ގިނަ މެންބަރުންގެ މައްސަލަ ބަލަމުންނެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ތެރެއިން މިހާރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމަކާއި ޖޫރިމަނާއެއް އައިސްފައެވެ. 

ކޮރަޕްޝަންގައި އެންމެ ބޮޑަށް ޝާމިލުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުން މަންފާވި މީހުން ދައުލަތަށް ހާމަކުރައްވަމުންނެވެ. ނުހައްގު މުއްސަނދިކަން ހޯދި މީހުން އެފަދަ އެސެޓްތައް ވެސް އަދީބު ހާމަ ކުރައްވައި ހެކިތައް ވެސް ދަނީ ދައުލަތަށް ފޯރުކޮށްދެއްވަމުންނެވެ.

ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނެވުމަށްފަހު ސަރުކާރު ބަދަލުވުމާއެކު، ނިހާން ވަނީ މިހާރުގެ ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މައިދާނުގައި ނިހާންގެ އަޑު ވަނީ މަޑުވެފައެވެ. އޭނާގެ އުފަން ރަށް، ތިނަދޫގެ މަޖިލިސް ގޮނޑިއަށް ވެސް ނިހާން ވާދަ ކުރެއްވި ނަމަވެސް ވަނީ ނާކާމިޔާބުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.