ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެމްޑީޕީއިން ތާއިދު ނުކުރާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ލިބިފައިވާކަން އިއުލާން ކުރައްވާފައެވެ. އެއާ ގުޅޭ މަސައްކަތްތައް ފައްޓަވާފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއިން މައްސަލައަށް ތާއިދު ނުކުރާނެ ކަމަށެވެ. އެމްޑީޕީއަކީ ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެ ޕާޓީން ސަރުކާރު ދިފާއުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ސަރުކާރުގެ އިތުބާރު ނެތްކަން ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުވާނެ ކަމަށެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމް\ޕީއެންސީގެ މެންބަރުންނެވެ. އެ މައްސަލާގައި 11 މެންބަރަކު ސޮއި ކުރައްވާފައިވެއެވެ. އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅެނީ 10 މެންބަރުންގެ ސޮޔާއެކުއެވެ. މިއީ އިދިކޮޅުން މި ސަރުކާރުގެ މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި ފުރަތަމަ ފަހަރެވެ.
އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އަދި އަމިއްލަ ހަ މެންބަރުން ވެސް ތިއްބާއިރު 65 މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
އިމްރާންގެ މައްސަލަ ހޫނެވެފައިވަނީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އިމްރާން ވަނީ ސަފާރީ މައްސަލާގައި ހިނގާފައިވަނީ ވަރަށް ކުޑަ ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަކީ ކޮބައިކަމެއް ވިދާޅުވާން ނުކެރޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މޭޑޭގައި ގެންގުޅުއްވީ އަސްލު ހެކިތަކެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.