އޮލިމްޕިކްސް ގޭމްސްއަކީ މުޅި ދުނިޔެ އެ ގޭމްސްއަކަށް ތައްޔާރުވާ މުބާރާތެކެވެ. މި މުބާރާތަކީ އެތުލީޓުންނަށްވެސް އެތަށް ގޮތަކުން މުހިންމު މުބާރާތެކެވެ. މި މުބާރާތައް އެތުލީޓުން ކޮންމެ އަހަރަކުވެސް ބުރަ ބޮޑު ތަމްރީނުތަކެއް ހަދާ ތައްޔާރުވަމުން އަންނައިރު، މިދިޔަ އަހަރު ބާއްވަން ކުރިން ރޭވިފައި އޮތް މި މުބާރާތް މިހާރު މިވަނީ މި އަހަރަށް ފަސްކުރަން ޖެހިފައެވެ. ނަމަވެސް މި އަހަރު ބާއްވަން ފަސްކުރިނަމަވެސް ކޮވިޑްގެ އާލަމީ ވަބާއާ ގުޅިގެން ކުޅިވަރުގެ އެންމެ ބޮޑު އީދު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އަންނަ މަހު ޖަޕާނުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލުކޮށްފައިވީ ނަމަވެސް މިހާރު ދުނިޔޭގެ މީޑިއާތަކުން ކުރަމުން އަންނަ ސުވާލަކީ ކަނޑައެޅިފައިވާ ތާރީހަށް މި މުބާރާތް ބޭއްވިދާނެ ކަމަށް ކުރަމުން އަންނަ ސުވާލެވެ.

މުބާރާތުގެ ހޮސްޓު ކަންޓްރީ ޖަޕާނުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، މުބާރާތުގައި ވާދަކުރާ ބައެއް ގައުމުތަކުން ވަނީ ޖަޕާނަށް ދަތުރުކުރުން ވެސް މަނާ ކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާ، ކޮލަމްބިއާ އަދި ރަޝިޔާވެސް ހިމެނެއެވެ.

އެމެރިކާ، ކޮލަމްބިއާ އަދި ރަޝިޔާއަކީ ވެސް މި މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ނުފޫޒުގަދަ ގައުމުތަކެކެވެ. އަދި މިގައުމުތަކުގެ ބައިވެރިވުމާއި ނުލާ މުބާރާތް ފުރިހަމަ ނުވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮވިޑްގެ ހިޔަނި މުޅި މުބާރާތައް؟ މުބާރާތް ކެންސަލް ކޮށްފާނެތަ؟

ކޮވިޑް-19ގެ ހިޔަނި މުބާރާތައް ވަރަށް ބޮޑަށް ކޮށްފައިވާއިރު، މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް މުބާރާތް މި އަހަރަށް ފަސްކުރަން ޖެހުނީ ވެސް ކޮވިޑާއިއެކުގައެވެ. އަދި މިވަގުތުގެ ހާލަތައް ބަލާނަމަ ޖަޕާނުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޖަޕާނުގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވުމާއިއެކު އެކި ގައުމުތަކުން އަންނަނީ ކޮވިޑްގެ މިހާލަތުގައި މުބާރާތް ބޭއްވުމުގެ ބަދަލުގައި މުބާރާތް ފަސްކުރުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް މުބާރާތް ފަސް ކުރުމަށް ނުވަތަ މުބާރާތް ކެންސަލް ކުރުމަށް އޮލިމްޕިކް ކޮމެޓީން އަދި ޖަޕާނުން ވެސް މިހާތަނަށް ނިންމާފައެއް ނުވެއެވެ.

އެއާއިއެކު ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ޖަޕާނަށް އަދި އޮލިމްޕިކް ކޮމެޓީއަށްވެސް ވަނީ އަމާޒުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޮނިހިރު ދުވަހުގެ ވަގުތެއްގައި އޮލިމްޕިކް ކޮމެޓީން މުބާރާތާއި މެދު ގޮތެއް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އެއާއިއެކު މުޅި ދުނިޔޭގެ ކުޅިވަރު އާއިލާއިން ވަނީ އޮލިމްޕިކް ކޮމެޓީން ނިންމާނެ ގޮތަކާމެދު ކަޅި އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *