އުމުރުން ނުވަ އަހަރުގެ އަންހެން ދޮންދަރިއާ ބެހި، ޖިންސީ އަނިޔާދިން މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ ދ. ކުޑަހުވަދޫ، ފައިވްސްޓާ އިބްރާޙިމް ޝުޖާއުގެ މައްޗަށެވެ. 

އޭނާގެ މައްޗަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ދިޔައީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. 2014 ވަނަ އަހަރު ހިނގި ހާދިސާއާ ގުޅިގެން ދަށު ކޯޓުގެ ހުކުމް އައީ 2017 ވަނަ އަހަރުއެވެ. 

ކުޑަހުވަދޫ ކޯޓުން ހުކުމް ކޮށްފައިވަނީ ޝުޖާއުގެ މައްޗަށް އެކަށީގެންވާ ހެކި ނެތް ކަމަށެވެ. އެހެންވެ އެ މައްސަލައިން އޭނާ ސަލާމަތްވިއެވެ. ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއަދު ހައިކޯޓުން ވަނީ މައްސަލާގައި ހުކުމް އިއްވާފައެވެ. 

ދަށު ކޯޓުން މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅާފައިވާއިރު ދައުލަތުން ވަނީ ހެކީގެ ގޮތުގައި ކުއްޖާގެ މެޑިކަލް ރިޕޯޓާއި ޖެންޑާ އޮފިޝަލެއްގެ ބަޔާނާއި ކުއްޖާގެ މަންމަގެ ބަޔާން އަދި ކުއްޖާގެ ބަޔާން ވެސް ހުށަހަޅާފައެވެ. ކުއްޖާގެ ބަޔާނުގައި ވަނީ އެ ކުއްޖާއަށް ދޮންބައްޕަ އެކި ފަހަރު މަތިން ބެހިފައިވާ ކަމަށް ބުނެފައެވެ. މަންމަ ގޭގައި ނޫޅޭ ކޮންމެ ވަގުތެއްގައި ވެސް ބެހި، އެކިއެކި ޖިންސީ އަނިޔާތައް ކުރާ ކަމަށް ކުއްޖާ ކިޔައިދީފައިވެއެވެ. 

ކުއްޖާގެ މަންމައަށް އެއް ދުވަހު، އެ ކުއްޖާއާ ވަރަށް ގާތުގައި ޝުޖާއު ހުރި ތަން ފެނިގެން ޝައްކުވެގެން ކުއްޖާއާ ސުވާލު ކުރުމުން އެ ކުއްޖާ ވަނީ ހުރިހާ ވާހަކަތަކެއް މަންމައަށް ކިޔައިދީފައެވެ. އެގޮތުން އެ ކުއްޖާއާ ބެހޭ ގޮތް ކިޔައިދީފައިވެއެވެ. މި ވާހަކަތައް ކުއްޖާ ހަމަ އެގޮތަށް ތަހުގީގަށް ވެސް ކިޔައިދީފައިވެއެވެ. އަދި ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ހެދި ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވަނީ ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށެވެ. 

މައްސަލާގައި ދަށު ކޯޓުގެ ޝަރީއަތް ކުރިއަށް ދިޔައިރު، ކުއްޖާގެ މަންމަގެ ހެކި ބަސް ވަނީ ނަގާފައެވެ. އޭނާ ވަނީ ޝުޖާއުގެ އަމަލުތަކާމެދު ޝައްކު އުފައްދައި ގިނަ ތުހުމަތުތަކެއް ޝުޖާއުއަށް ކޮށްފައެވެ. އެއިން އެއްވެސް ކަމަށް ޝަރީއަތުގައި ޝުޖާއު އިންކާރުކޮށްފައެއް ނުވެއެވެ. ކުއްޖާގެ ކޮޓަރިއަށް ވަންނަ ކަމަށް ވެސް އިންކާރެއް ނުކުރެއެވެ. އަދި ތުހުމަތުތަކުގެ ރަައްދުގައި ކުއްޖާގެ މަންމައާ އެއްވެސް ސުވާލެއް ކޮށްފައިނުވެއެވެ. 

އެހެންވެ، ހައިކޯޓުގެ ހުކުމްގައި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވެފައިވަނީ، ޝުޖާއު އެއްވެސް ކަމަކަށް އިންކާރު ކޮށްފައިނުވުމުން ހަގީގަތުގައި ވެސް ހިނގާފައިވާ ކަމެއް ކަމަށް ބުރަވެވޭ ކަމަށެވެ. އަދި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިމާއި ޑޮކްޓަރީ ލިޔުމުގައިވާ ކަންކަން ދިމާވާ ކަމަށެވެ. 

މައްސަލަ ބެއްލެވި އަނެއް ދެ ފަނޑިޔާރުން ކަމަށް ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމްގެ ރައުޔުގައި ވެސް ފާހަގަ ކުރައްވާ ގޮތުގައި މި މައްސަލާގައި ޝުޖާއުގެ މައްޗަށް އެކަށީގެންވާ ހެކި އެބަ ހުއްޓެވެ. އެއީ، މި މައްސަލާގައި ކަން ހިނގި ވަގުތާއި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާ ދެމެދު މާގިނަ ދުވަސްތަކެއްވެފައި ނެތުމާއި، އެ ކުއްޖާ ހަދައިގެން އެފަދަ ވާހަކައެއް އެހާ ތަފްސީލްކޮށް ކިޔައިދޭނެ ސަބަބެއް ފެންނަ ނެތުމުންނެވެ. އެ އާއިލާގެ ގުޅުމަށް ވެސް ބަލާއިރު ކުއްޖާ އަމިއްލައަށް އެފަދަ ވާހަކައެއް ހަދަައިގެން ދައްކާނެ ކަމަށް ނުބެލެވޭ ކަމަށާއި އަދި ޝުޖާއު ވެސް އެފަދަ ކަމެއް ފާހަގަކޮށްފައިނުވާކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ. 

އެހެންވެ، ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެފައިވަނީ ކުއްޖާއަަށް ޝުޖާއުގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ބަލަން ޖެހޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.