ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އިދުކޮޅު، ޕީޕީއެމް\ޕީއެންސީއިން ނިންމައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ ރޭ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތާ ގުޅިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް އެ ދެ ޕާޓީއިން ގަބޫލުކުރާތީއެވެ.
މިއީ އިދިކޮޅުން މި ސަރުކާރުގެ މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާ ފުރަތަމަ ފަހަރެވެ.
އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އަދި އަމިއްލަ ހަ މެންބަރުން ވެސް ތިއްބާއިރު 65 މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި މެންބަރުން މިހާރު ގެންދަވަނީ ސޮއިކުރަމުންނެވެ. އެ މައްސަލަ 10 މެންބަރުންގެ ސޮއި ހަމަވުމާއެކު ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ.
ރޭ އިމްރާން ވަނީ ސަފާރީ މައްސަލާގައި ހިނގާފައިވަނީ ވަރަށް ކުޑަ ކަމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަކީ ކޮބައިކަމެއް ވިދާޅުވާން ނުކެރޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން މޭޑޭގައި ގެންގުޅުއްވީ އަސްލު ހެކިތަކެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.