މާލޭ ބެންކް އޮފް ސިލޯން ކުރިމަތިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން އުޅެނިކޮށް އެކަން ނާކާމިޔާބުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 11:47 ގައި ބެންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ވެގެން ފޭރިގަންނަން އުޅެފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާތައް ހިފައިގެން ރޫޓްގެ ވޭން ދުއްވާފައި އައިސް ބެންކް ކުރިމަތީ މަޑުކޮށްލިތަނާ އެ ސަރަހައްދަށް ސައިކަލުގައި ހަތަރު މީހުން ފޭރެން މަސައްކަތް ކުރި އެވެ. ބެލެވޭ ގޮތުން ވޭން ދުއްވަން އިނީ ބިދޭސީއެކެވެ.
އެ މީހުންނަށް ހަމަލާ ދިނުމަށް ފަހު ފޭރެން މަސައްކަތް ކުރުމުން ބެންކުގެ ސެކިއުރިޓީ އެތަނަށް އައިސް އެކަން ހުއްޓުވަން މަސައްކަތް ކުރުމުން އެ މީހުން ވަނީ ފިލައިފަ އެވެ.