ހުޅުމާލޭގައި އަޅާފައި އޮތް ސަފާރީގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކައާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ދިވެހިރާއްޖޭ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގި ކަންކަމާ ގުޅިގެން އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ނޫސްތަކުން ދެއްކި ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ސަފާރީގައި ހިނގީ އެހާ ބޮޑު ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
އެ މައްސަލާގައި ސޯޝަލް މީޑިއާގައި ވަނީ އިމްރާނަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ރިޒާ އެންޑް ކޯ ލޯ ފާމް އިން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
އެ ފާމް އިން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލާގައި އަނިޔާ ލިބުނު ފަރާތް މަރާލާނެ ކަމަށް ބުނެ ބިރު ދައްކައި، ޖިންސީ ގުނަވަނެއްގައި ހިފައި އަދި ސަފާރީއެއްގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ވައްދަން މަސައްކަތް ކުރިކަން ހާމަވާން އޮތް ކަމަށެވެ. އެހެން ނަމަވެސް އެކަމަކީ އާންމު ތަނެއްގައި ހުރެގެން ވެސް ކުރެވިދާނެ ކަމެއް ގޮތުގައި ހޯމް މިނިސްޓަރު ސިފަ ކުރުން ކުށްވެރި ކުރާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުން ބަލައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފަ އެވެ.
ސަފާރީގައި ހިނގި އެ މައްސަލައަކީ މީގެ ކުރިން ވެސް ފުލުހުންގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ މައްސަލައެކެވެ. އެ މައްސަލާގައި ފުލުހުންގެ ވެރިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ވަނީ ކޮށްފަ އެވެ.