ދައުލަތަށް ގެއްލުންވާނެފަދަ ގޮތަކަށް އަމަލުކުރުމުގެ ސަބަބުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރުމަށް ނިންމައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީއިން ބުނެފައިވާ ގޮތުގައި ދައުވާކުރަނީ، ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީ ގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވާތީއެވެ.

މިގޮތުން، 29 ނޮވެމްބަރު 2011 ވަނަ ދުވަހު، އޭރުގެ ވަޒީރުންގެ މަޖިލީހުން ނިންމީ ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ޖޮއިންޓް ވެންޗަރ އެގްރީމެންޓްއެއް ހަދައި، ސަރުކާރުން ހަރަދުކުރަން ނުޖެހޭގޮތަށް ބިމުކުލި އެކަނި ދައުލަތައް ނަގާގޮތަށް ތަރައްގީކުރުމަށެވެ. 

އެހެންނަމަވެސް، ވަޒީރުންގެ މަޖިލީހުގެ އެ ނިންމެވުމާއި ހިލާފަށް، 13 ޖެނުއަރީ 2013ގައި އަބްދުﷲ ޖިހާދުވަނީ ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުގެ 25 އިންސައްތަ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޕީޖީއިން ބުނެފައިވާ ގޮތުގައި ޖިހާދުގެ މި ނިންމެވުމުގެ ސަބަބުން ބިމު ކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި ލިބެން އޮތް 411،720،000 އެމެރިކާ ޑޮލަރާއި ޕްރައިމް ލޮކޭޝަން ޗާޖްގެ ގޮތުގައި 50 އަހަރުގެ ތެރޭގައި ލިބެން އޮތް 192،993،750 އެމެރިކާ ޑޮލަރު ސަރުކާރަށް ނުލިބޭނެއެވެ.

ޕީޖީއިން އިތުރަށް ބުނެފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަން ފާޅުކަން ބޮޑުގޮތެއްގައި ކަށަވަރުވާން އޮންނާތީ މި މައްސަލަ ތަހުގީގު ކޮށްދިނުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި އެދިފައިވާނެކަމަށެވެ. ދައުވާކުރުމަށް ނިންމާފައިވަނީ އެ ކޮމިޝަނުން ތަހުގީގުކުރުމަށްފަހު މައްސަލަ ޕީޖީއަށް ފޮނުވުމުންނެވެ.

މި މައްސަލަ 29 އޮގަސްޓް 2013ގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް 16 ފެބްރުއަރީ 2016ގައި އެ ކޮމިޝަނުން ނިންމީ މި މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަމަށެވެ.

ޖިހާދަށް މީގެކުރިން ވެސް ވަނީ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައެވެ. ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފާއިން ބަދަލު ހޯދަން ދައުވާކޮށްފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން ވެސް ނައިބު ރައީސްގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖެއްސި ރެހެންދި ފްލެޓް ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި މައްސަލާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.