މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހުޅުމާލޭގައި ހިންގާ ފިޔަވަތިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ ޖުމްލަ 38 މީހުންކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެޗްއީއޯސީއިން މިކަން ހާމަކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގްއެވެ. ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި، މިހާތަނަށް ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ 18 ކުޑަކުދިންނާއި 20 ސްޓާފުންނެވެ. މީގެ ތެރޭގައި 23 އޮކްޓޯބަރުގައި ޕޮޒިޓިވްވެ 2 މީހަކުވެސް ހިމެނެއެވެ.

އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ މިހާރުވެސް ފިޔަވަތީގައި 80 ކޮންޓެކްޓުން އެބަތިބި ކަމަށާއި ރިލީޒް ސާމްޕަލް ނެގެމުންދާކަމަށެވެ.

ފިޔަވަތީގައި ކޮވިޑް ފެތުރެން މެދުވެރިވި ސަބަބަކީ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެގެންނެވެ. އެގޮތުން، ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒިފެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނި، ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެފައިވެއެވެ. 

މިއާއެކު، އޭނާ މަސައްކަތްކުރަމުންދާ 10-13 އަހަރާ ދެމެދުގެ ކުދިން ބަހައްޓާފައިވާ ފަންގިފިލާ ކަރަންޓީނު ކުރެވި، އެތަނުގައި ބައިތިއްބާފައިވާ ކުދިން ޓެސްޓް ކުރެވުނު ކަމަށާ އޭގެތެރެއިން 8 ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް މިނިސްޓްރީއިން ބުނެފައިވެއެވަނީ މި މަހުގެ ކުރީކޮޅުއެވެ.

މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ތިބީ 905 މީހުންނެވެ. އޭގެ ތެރެއިން 39  މީހަަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 321 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.