ސްޕެއިންގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ސްޕެނިޝް ލަލީގާއި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. މިރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. 

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. ކަރީމް ބެންޒޭމާ ހޯދައިދިން ފުރުސަތަކުން މެޗުގެ ފަސް ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. އޭގެ ތިން މިނެޓު ފަހުން ބާސާއިން އެއްވަރުކުރިއިރު މި ލަނޑު އެޓީމަށް ޖަހައިދިނީ އެންމެ 17 އަހަރުގެ އަންސޫ ފާތީއެވެ. މި ލަނޑާއެކު އޭނާ ވެގެންދިޔައީ އެލްކްލެސިކޯގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާއަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ. 

ދެވަނަ ހާފު ފެށިގެން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ރެއާލްއިން އަލުން މެޗުގެ ލީޑުގައި ނެގީ 63 ވަނަ މިނެޓުގައެވެ. ވީއޭއާރު މެދުވެރިކޮށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ރެއާލްގެ ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖަހައިިދިނީ ބެންޗުން އެރި ލޫކާ މޮޑްރިޗްއެވެ. މި ހާފުގައި ބާސާގެ ކީޕަރު ވަނީ މޮޅެތި ސޭވްތަކެއް ކޮށްފައެވެ. 

މިއީ 2007 ވަނަ އަހަރު ގެ ސީޒަނަށް ފަހު ލީގުގައި ޖެހިޖެހިގެން ދެ ކްލެސިކޯއިން ރެއާލް މޮޅުވި ފުރަތަމަ ފަހަރެވެ. މި މޮޅާއެކު ރެއާލް ވަނީ 13 ޕޮއިންޓާއެކު ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ބާސާ އޮތީ ތާވަލުގެ 10 ވަނައިގައެވެ. އެ ޓީމު އެންމެފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެވިފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.