ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެކްލަބްގެ ބޯޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ސްޕެއިންގެ ނޫހަކާއި ވާހަކަ ދައްކަމުން ޕީކޭ ބުނީ ބާސާގެ މެނޭޖްމަންޓުން އެޓީމަށް ކުޅެމުން އަންނަ ކުޅުންތެރިންނާއި ދެކޮޅަށް ސޯޝަލް މީޑިއާ ކެމްޕޭން ހިންގުމަށް ފައިސާ ޚަރަދުކޮށްފައިވުމަކީ ވަރަށް ގޮތްކުޑަ ކަމެއް ކަމަށެވެ. ބާސާގެ މެނޭޖްމަންޓަށް ވަނީ މެސީއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ޕްރޮޕަގަންޑާ ފެތުރުމަށް ފައިސާ ޚަރަދުުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވިފައެވެ.
ބާސާގެ ރައީސް ބާޓޯމޯގެ އަރިހުން އެކަމުގެ ތަފްސީލް ހޯދުމަށް އެދުނު ކަމަށާއި އެހެން ނަމަވެސް އޭނާގެ ފަރާތުން ވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް ޕީކޭ ބުންޏެވެ. އޭރު ބާޓޮމޯ ބުނި ވާހަކަތައް ގަބޫލުކުރި ކަމަށާއި އެހެން ނަމަވެސް ފަހުން އަނެއްކާ ވެސް ފެނުނީ އެ ކަންތައްތައް ކުރުމުގައި އިސްކޮށް އުޅުނު މީހުންނަށް ކްލަބްގެ ތެރެއިން ކުރިއެރުން ދިން މަންޒަރު ކަމަށް ޕީކޭ ބުންޏެވެ.
މެސީ ބާސާ ދޫކޮށްލަން ބޭނުންވިކަމަށް އަމާޒުކޮށް ޕީކޭ ބުނީ އޭނާ ރައީސްގެ މަގާމުގައި ހުރިނަމަ ކަންތައްތައް ކުރާނީ ވަރަށް ތަފާތުކޮށް ކަމަށެވެ. އަދި މެސީ ގާތުގައި އެއް އަހަރު އިތުރަށް މަޑުކޮށްލުމަށް އެދުނު ކަމަށް ވެސް ޕީކޭ ބުންޏެވެ. ބާސާގެ ސްޓޭޑިއަމްގެ ނަން ވެސް މެސީގެ ނަމަށް ބަދަލުކުރަން ޖެހޭ ކަމަށާއި ކްލަބްގެ ކުރީގެ ކުޅުންތެރިން ކްލަބްގެ ކަންކަމުގައި މިހާރު ނޫޅެނީ ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގާތީ ކަމަށް ޕީކޭ ބުންޏެވެ.
ޕީކޭގެ އިތުރުން ބާސާގެ އެހިނިހެން ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިން އަދި ކޯޗުންގެ ފާޑުކިޔުން އެކްލަބްގެ ބޯޑަށް ވަނީ އަމާޒުވެފައެވެ.