ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ. 

މިދިޔަ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް އަދުރޭ ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 

އެނގިފައިވާ ގޮތުގައި އޭނާ ހާޒިރުކޮށްފައިވަނީ ކޮމިޝަނުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންދާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ އާއި އަގުބޮޑު ފްލެޓާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ފްލެޓް މައްސަލަ އޭސީސީއިން ވެސް ތަހުގީގު ކުރެއެވެ. 

އަދުރޭއާ ގުޅޭ ގޮތުން ކޮރަޕްޝަންގެ އެކި ތުހުމަތުތައް އަމާޒުވެފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ އަބަދުވެސް ދޮގު ކުރައްވައެވެ. އަދި ވިދާޅުވަނީ އެއީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށެވެ. 

މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރުގެ މަޖިލިސް ގިނަ މެންބަރުންނަށް ބޮޑެތި އަދަދުން ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ކޮމިޝަނުން ދަނީ އެފަދަ ގިނަ މެންބަރުންގެ މައްސަލަ ބަލަމުންނެވެ. އެގޮތުން ޕީޕީއެމްގެ ކުރީގެ ޕީޖީ އަހުމަދު ނިހާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނަށް ހާޒިރުކޮށްފައެވެ. 

ކޮރަޕްޝަންގައި އެންމެ ބޮޑަށް ޝާމިލުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުން މަންފާވި މީހުން ދައުލަތަށް ހާމަކުރައްވަމުންނެވެ. ނުހައްގު މުއްސަނދިކަން ހޯދި މީހުން އެފަދަ އެސެޓްތައް ވެސް އަދީބު ހާމަ ކުރައްވައި ހެކިތައް ވެސް ދަނީ ދައުލަތަށް ފޯރުކޮށްދެއްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.