ޕީއެންސީގެ ރައީސް އަބްދުއްރަހީމް (ކ)، ރައީސް އަބްދުﷲ ޔާމީން (މ)، މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު (ވ)

ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެކްޓިން އިދިކޮޅު ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޔާމީންގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ މުއިއްޒުގެ އަމާޒު ހުރީ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓަކަށް ކަމަށް ބުނަމުންނެވެ. އަދި "މުއިއްޒު 2023" ޖަހާފައިވާ ޕޯސްޓަރުތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެކަމަށް ރައްދު ދެއްވައި އަދުރޭ މިއަދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕް ފުނޑާލުމަށް ދުރާއި ގާތުން ރޭވުންތެރިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށާއި އެ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށެވެ. އެކަން ހާސިލް ނުވާނެ ކަމަށާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވިދާޅުވެ އަދުރޭ ވަނީ ތިބީ ރައީސް ޔާމީންއާއެކު ބަދަހިކޮށް ކަމަށް ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ގެންދަވަނީ މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އެމަނިކުފާނު މިވަގުތު ގޭ ބަންދަށް ވަނީ ބަދަލުކޮށްފައެވެ. އެމަނިކުފާނު ވަގުތީ ގޮތުން ގެޔަށް ބަދަލުކުރެވުނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިޔުމާއިއެކު މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވް ވަމުންދާތީއެވެ.

އެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ. ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވިނަމަވެސް، އެ ކޯޓުންވެސް ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނަކީ މަނީ ލޯޑަރ ކުރެއްވި ބޭފުޅޭއް ކަމަށެވެ. ހައި ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރިމް ކޯޓުގައިވެސް އިސްތިއުނާފް ކުރައްވާފަ އެވެ.

އެމަނިކުފާނުގެ މައްސަލާގައި ސުޕްރީމް ކޯޓުން ބަދަލު ނުގެނެސް އެ ހުކުމް ދަމަހައްޓައިފިނަމަ ނިހާއީ ހުކުމަކަށް ބަދަލުވެގެންދާނެއެވެ. އެއާއެކު އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދާނެއެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާއެކު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ވާދަވެރިކަން ބޮޑުވެގެންދިޔައެވެ. އެގޮތުން ރައީސް ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ އެމަނިކުފާނުގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުރުން ޑރ. މުއިއްޒު ވެސް އަންނަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި އެކި ފަންތީގައި ހަރަކާތްތެރިވަމުންނެވެ. ބޭރުން އަންނަ ބަޔަކަށް ޕާޓީއަށް ސަވާރުވުމުގެ ފުރުސަތު ނުދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާއިރު އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތެއްގައި އިދިކޮޅުގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.