ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މެޖޯރިޓީ ލީޑަރު އަދި އޭރު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން، އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
މިދިޔަ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނަށް ނިހާން ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހާޒިރުކޮށްފައިވަނީ ކޮމިޝަނުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަމުންދާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ އާއި ނިހާންގެ އަގުބޮޑު ގަޑިތަކާއި ފްލެޓާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
ނިހާންގެ އަގުބޮޑު ގަޑިތަކާއި ފްލެޓްގެ މައްސަލާގައި އޭނާއަށް ބޮޑެތި ތުހުމަތުތަކެއް މީގެކުރިން ވެސް ކުރެވިފައިވެއެވެ.
ބުރާސްފަތި ދުވަހު ނިހާން ވަނީ ކޮމިޝަންގެ ތަހުގީގަށް ހާޒިރުވެފައެވެ. ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލައެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދިވަޑައިގެންނެވިއެވެ. އެހެންވެ އެ ފުރުސަތު ދިނުމަށްފަހު، ތަހުގީގު އެހެން ދުވަހަކަށް ފަސްކުރިއެވެ.
ނިހާންގެ އިތުރުން އޭނާގެ އަންހެނުންނާއި ބޭބެ ވެސް އެ މައްސަލާގައި އޭނާއާއެކު ހާޒިރުކުރިއެވެ. އެމީހުންގެ ތަހުގީގު ވެސް ވަނީ ވަކީލަކާއެކު ކުރިއަށް ގެންދިޔުމަށް އެހެން ދުވަހަކަށް ފަސްކޮށްފައެވެ.
މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން އޭރުގެ މަޖިލިސް ގިނަ މެންބަރުންނަށް ބޮޑެތި އަދަދުން ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. ކޮމިޝަނުން ދަނީ އެފަދަ ގިނަ މެންބަރުންގެ މައްސަލަ ބަލަމުންނެވެ.
ކޮރަޕްޝަންގައި އެންމެ ބޮޑަށް ޝާމިލުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަނުން މަންފާވި މީހުން ދައުލަތަށް ހާމަކުރައްވަމުންނެވެ. ނުހައްގު މުއްސަނދިކަން ހޯދި މީހުން އެފަދަ އެސެޓްތައް ވެސް އަދީބު ހާމަ ކުރައްވައި ހެކިތައް ވެސް ދަނީ ދައުލަތަށް ފޯރުކޮށްދެއްވަމުންނެވެ.
ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނެވުމަށްފަހު ސަރުކާރު ބަދަލުވުމާއެކު، ނިހާން ވަނީ މިހާރުގެ ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން ސިޔާސީ މައިދާނުގައި ނިހާންގެ އަޑު ވަނީ މަޑުވެފައެވެ. އޭނާގެ އުފަން ރަށް، ތިނަދޫގެ މަޖިލިސް ގޮނޑިއަށް ވެސް ނިހާން ވާދަ ކުރެއްވި ނަމަވެސް ވަނީ ނާކާމިޔާބުވެފައެވެ.