ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން އެންމެ ބޮޑަށް ގުޅިފައިވަނީ ޒުވާން ޖީލެއްގެ ހުނަރާއި ފަންނުވެރިކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "އަންވެއިލިންގ ވިޝަންސް 2020" ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ހުޅުއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖޭގެ ޒުވާނުންނަކީ ފަންނުވެރި ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ގިނަ ހޭދަތަކެއް ކުރައްވަނީ ދިވެހި ޒުވާނުންނަކީ ގައުމުގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވާ ބަޔަކަށް ވާތީ ކަމަށެވެ. 

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާން އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ކޮންމެ މީހަކީ ވެސް ޤައުމަށް ފައިދާހުރި މަސައްކަތްތެރި މީހަކަށް ވުމަށް އަޒުމްކަނަޑައެޅުމަށް ހުރިހާ ޒުވާނުންނަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަށް ފުރުޞަތުތައް ފަހިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވެ، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުމާއި މުޖުތަމަޢުގެ ކަންކަން ނިންމުމުގައި އިސް ރޯލެއް އަދާކުރާ ބަޔަކަށް ޒުވާނުން ހެދުމަށް ސަރުކާރުން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީގެ ވެބްސައިޓް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައި، 2020 ވަނަ އަހަރުގެ އެންމެ އަލިގަދަ ހަތަރު ފަންނާނުންނަށް ހަނދާނީ ފިލާ އަދި ސެޓްފިކެޓާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.