މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން އިސްނަގައިގެން ބާއްވާ "އަންވެއިލިންގ ވިޝަންސް 2020" އާޓް އެގްޒިބިޝަން ހުޅުވާލައިފިއެވެ. މި އެގްޒިބިޝަން ހުޅުއްވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ.
މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން މިއަހަރުގެ އެގްޒިބިޝަން ބާއްވަމުުން އަންނަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އާއި ގުޅިގެންނެވެ. މިފަހަރު އާޓް އެގްޒިބިޝަންގައި 52 އާޓިސްޓުން ބައިވެރިވެފައިވެއެވެ.
މި އާޓް އެގްޒިބިޝަން ކުރިޔަށް ދާނީ ނޭޝަނަލް އާޓް ގެލަރީގައެވެ. އަދި މި މަހުގެ 23 އިން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް މި އާޓް އެގްޒިބިޝަން ކުރިޔަށްދާނެއެވެ. ކޮވިޑް-19 ގެ ޙަލަތާއި ގުޅިގެން އާޓް ގެލަރީ ބަންދުކޮށްފައި އޮތުމަށްފަހު، މިއީ އާޓް ގެލަރީގައި ބާއްވާ މިފަދަ ފުރަތަމަ އެގްޒިބިޝަނެވެ. އެގްޒިބިޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 އިން ރޭގަނޑު 21:30 އަށެވެ.