ޒުވާން އުމުރަކީ މުސްތަގްބަލު ބިނާކުރުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ހާއްސަ ޓްވީޓެއްގައެވެ. 

މި ޓްވީޓްގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމް އުނގަންނައިދިނުންކަމަށެވެ. އަދި މީގެ އިތުރުންވެސް، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. 

މީގެއިތުރުންވެސް، ފައިސަލް ނަސީމްގެ ޅަ ދުވަސްވަރުގެ ފޮޓޯ ޓްވީޓްކުރައްވަމުން އެމަނިކުފާނު ވަނީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޒުވާނުންނަށްވެސް އަރިސްކުރައްވާފައެވެ. 

މީގެކުރިން އެކި ދުވަސްތަކުގައި ވަނީ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ނިންމަވާފައެވެ. އެގޮތަށް އެމަނިކުފާނު ނިންމެވީ އެއީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކުރެއްވި ތާރީޚު ކަމަށްވާތީއެވެ.

މިއަހަރުގެ ޒުވާނުންގެ ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ހަމަޖެހިފައި އޮތް ނަމަވެސް ކޮވިޑް 19 އާ ގުޅިގެން މި ދުވަހާ ގުޅޭ ގިނަ ހަރަކާތްތައް ޔޫތު މިނިސްޓްރީއިން ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.