ހެލްތު މިނިސްޓަރުގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމް (ކެރެފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފިއެވެ.
ފޮރިން ދާއިރާގައި ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނަސީމް، ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާތީއެވެ. އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރު މައްސަލަ ހޫނުވެގެންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް ނަސީމް ވަނީ ސިއްހީ އަދި ޓޫރިޒަމާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެކުރިން ޓޫރިޒަމް މިނިސްޓްރީގެ މަގާމު ހުސްވުމުން އެ މަގާމަށް ނަސީމް ގެނައުމަށް ވެސް ބައެއް ފަރާތްތަކުން ކެމްޕެއިން ކޮށްފައިވެއެވެ.
އަމީންއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކެބިނެޓްގައި އިންނެވި ބޭފުޅެކެވެ. ނަމަވެސް އަމީންގެ ބަދަލުގައި ކެބިނެޓަށް ގެންނެވި ނަސީމްއަކީ އެމްޑީޕީގެ ބޭފުޅެކެވެ.